މަގާމުން ދުރުކުރަން އުޅުމަކީ ބަޣާވާތް ކުރުން: ޓްރަމްޕް
މަގާމުން ދުރުކުރަން އުޅުމަކީ ބަޣާވާތް ކުރުން: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 2) - ރައީސްކަމުގެ މަގާމުން ދުރުކުރަން އުޅުމަކީ "ބަޣާވާތެއް" ކުރުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ކޮންމެ ދުވަހަކު އަޅުގަނޑަށް އެނގި ހާމަވަމުންދާ މައުލޫމާތުން އެނގޭ ގޮތުގައި، އަޅުގަނޑު މި ނިންމަނީ މިއީ މަގާމުން ދުރުކުރުމުގެ މަސައްކަތެއް ނޫންކަން. މިއީ ހަމަ ސީދާ ބަޣާވާތެއް،" ޓްރަމްޕް ޓްވީޓް ކުރެއްވި އެވެ. "މިއީ ރައްޔިތުންގެ ބާރު ނިގުޅައިގަތުން. މިއީ ރައްޔިތުންގެ ވޯޓާއި އެ މީހުންގެ މިނިވަންކަން ނިގުޅައިގަތުން."

އަނެއް ކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިމް ޕޮމްޕެއޯ ވަނީ ޓްރަމްޕު މަގާމުން ދުރުކުރުމުގެ މައްސަލައިގެ ތަހުގީގަށް ސްޓޭޓް ޑިޕާޓްމަންޓުގެ ސްޓާފުން ކޮންގްރެސްގެ ކޮމިޓީ އަށް ހާޒިރު ކުރުމަކީ ބިރު ދެއްކުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޕޮމްޕެއޯ ވިދާޅުވި އެވެ.

ޑިމޮކްރެޓުން ބުނަނީ ޔުކްރޭނުގެ ރައީސް އަށް ޓްރަމްޕް ފޯނު ކުރައްވައިގެން ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް މަސައްކަތް ކުރެއްވި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަށް ޕޮމްޕެއޯ މަސައްކަތް ކުރާ ކަމަށެވެ.

ކޮންގްރެސް އިން ތަހުގީގު ކުރަމުންދަނީ ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އަށް ޓްރަމްޕް ފޯނު ކުރައްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ބަލަން ޕްރެޝަރު ކުރި މައްސަލެކެވެ. ބައިޑަން އަކީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވަން ނިންމާފައިވާ ކެންޑިޑޭޓެކެވެ.

ޓްރަމްޕުގެ މައްސަލަ ތަހުގީގު ކުރަނީ ހައުސްގެ ބާރުގަދަ ތިން ކޮމިޓީއެއް ކަމަށްވާ އިންޓަލިޖެންސް، ފޮރިން އެފެއާޒް އަދި އޯވަސައިޓް ކޮމިޓީންނެވެ. އެ ކޮމިޓީތަކަށް ވަނީ ޕޮމްޕެއޯ އާއި ޓްރަމްޕުގެ ވަކީލް ރޫޑީ ޖިއުލިއާނީ އަދި ޔޫރްކޭނަށް ކަނޑައެޅި އެމެރިކާގެ ކުރީގެ ސަފީރާއި ޔުކްރޭނަށް ކަނޑައެޅި ޓްރަމްޕުގެ ޚާއްސަ މަންދޫބު ހާޒިރުވާން އަންގައިފަ އެވެ.