02 އޮކްޓޯބަރ 2019 - 12:03

ތެހެރާން (އޮކްޓޯބަރު 2) - އީރާން އޮތީ ސައުދީ އަރަބިއާއާ ސުލްހަވުމަށް މަޝްވަރާތައް ފެށުމަށް ތައްޔާރަށް ކަމަށް އެ ގައުމުގެ ޕާލަމެންޓުގެ ރައީސް އަލީ ލާރިޖާނީ ވިދާޅުވެއްޖެ އެވެ.
ތެހެރާނުގައި އަލްޖަޒީރާ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ލާރިޖާނީ ވިދާޅުވީ ސައުދީ އަރަބިއާއާ ސުލްހަވުމަށްޓަކައި ސައުދީގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކާ ވެސް މަޝްވަރާ ކުރުމަށް އީރާން އޮތީ ތައްޔާރަށް ކަމަށެވެ.
"އީރާނާއި ސައުދީގެ މަޝްވަރާތައް ފަށައިފި ނަމަ ސަރަހައްދުގެ ސަލާމަތާ ގުޅޭ އަދި ސިޔާސީ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
ލާރިޖާނީ ވިދާޅުވީ ސައުދީ އަރަބިއާގެ އެކުވެރި ގައުމެއް ކަމަށްވާ އެމެރިކާ އަށް އެ ގައުމުގެ ކަންކަން ބަރޯސާ ކުރަން ނުޖެހޭ ކަމަށެވެ.
"އީރާނާއި ސައުދީގެ މަޝްވަރާގެ މޭޒަށް އީރާނުން ދާނީ އެއްވެސް ޝަރުތަކާ ނުލައި،" ލާރިޖާނީ ވިދާޅުވި އެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެމެރިކާގެ ސީބީއެސް އަށް ދެއްވި އިންޓަވިއުއްގައި ވެސް ވަނީ އީރާނާ އެކު ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ކުރިމަތިލުމެއް ފަށައިފި ނަމަ ދުނިޔޭގެ އިގްތިސާދު ވެއްޓޭނެ ކަމަށް ވެސް ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.
"ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ 30 ޕަސެންޓް ހިއްސާކުރަނީ މި ސަރަހައްދުން. ދުނިޔޭގެ ވިޔަފާރީގެ 20 ޕަސެންޓް. އަދި މިއީ ދުނިޔޭގެ ޖީޑީޕީގެ ހަތަރު ޕަސެންޓް. ޚިޔާލަށް ގެންނަވައި، ހަނގުރާމައެއް ފަށައިފި ނަމަ މި ހުރިހާ ކަމެއް ހުއްޓޭނެ،" ޕްރިންސް މުހައްމަދު ވިދާޅުވި އެވެ. "މީގެ މާނައަކީ ދުނިޔޭގެ އިގްތިސާދު އެކުގައިހެން ހުއްޓުމަކަށް އަންނާނެ. އޭގެ އަސަރު ފޯރާނީ ހަމައެކަނި ސައުދީ އަރަބިއާކަށް ނުވަތަ މެދުއިރުމަތީގެ ގައުމުތަކަށް އެކަންޏެއް ނޫން."