03 އޮކްޓޯބަރ 2019 - 06:58

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީ އާ ސިލްސިލާއަކުން ބެލުންތެރިންނަށް ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ސޮނީ ޓީވީން ގެނެސްދޭ ސިލްސިލާގެ ނަމަކީ "މޭރޭ ޑޭޑް ކީ ދުލްހަން" އެވެ. މީގެ މުހިއްމު ރޯލްތަކުން ފެންނާނީ ޝްވޭތާ އާއި ވަރުން ބަޑޯލާ އާއި އަންޖަލީ ތަތުރާރީ އެވެ. ސިލްސިލާގެ ކިޔައިދޭނީ ބައްޕައަކަށް އަންބަކު ހޯދައިދޭން ޒުވާން އަންހެން ކުއްޖަކު ކުރާ މަސައްކަތެވެ.
"މޭރޭ ޑޭޑް ކީ ދުލްހަން" ގެ ޕްރޮމޯއެއް ވެސް ސޮނީން މިހާރު ދައްކަމުން އަންނަ އިރު، ސިލްސިލާ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
ސޮނީގެ ސިލްސިލާއަކަށް ޝްވޭތާ އެންމެ ފަހުން ކުޅުނީ "ޕަރުވަރިޝް: ކުޗް ކައްޓީ، ކުޗް މީޓީ" އެވެ. އެ ސިލްސިލާ ގެނެސްދިނީ 2011-2013 އަށެވެ.
ޝްވާތޭ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ އެންޑް ޓީވީން 2015-2016 އަށް ގެނެސްދިން "ބެގޫސަރާއީ" އެވެ.
ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޝްވޭތާ އެނބުރި ޓީވީ އަށް އަންނަ އިރު، ދާދި ފަހުން އޭނާ ވަނީ އަންހެން ދަރިފުޅު ޕަލަކް ޗައުދަރީ، 19، އަށް ފިރިމީހާ އަބިނާވް ކޯލީގެ ފަރާތުން އެކި ކަހަލަ ފުރައްސާރަތައް ލިބޭ ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ޕަލަކްގެ ދޮންބައްޕަ އަބިނާވާއި މަންމަ ޝްވޭތާ ކައިވެނިކުރީ 2013 ގަ އެވެ. އެ ކައިވެންޏަށް ފިރިހެން ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު ދެ އަހަރުގެ ރެޔަންޝް ކޯލީ އެވެ.
ޝްވޭތާ، 38، މިހާރު އަންނަނީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީގެ ވެބް ސީރީޒެއް ވެސް ކުޅެމުންނެވެ. އެއީ އަދި ސްޓްރީމްކުރަން ފަށާނެ އިރެއް އިއުލާންނުކުރާ "ހަމް، ތުމް އެންޑް ދެމް" އެވެ.