ޕީޕީއެމަށް ކަނޑައެޅި ފައިސާ ޖަމާކޮށްދޭން އިލެކްޝަންސްގައި އެދެފި
ޕީޕީއެމަށް ކަނޑައެޅި ފައިސާ ޖަމާކޮށްދޭން އިލެކްޝަންސްގައި އެދެފި

ދައުލަތުގެ ބަޖެޓުން މި އަހަރު ޕީޕީއެމަށް ކަނޑައެޅި ފައިސާ، ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ޕާޓީގެ އެކައުންޓަށް ޖަމާކޮށްދޭން ޕީޕީއެމުން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދިއްޖެ އެވެ.

ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ގާނޫނާ އެއްގޮތަށް، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާގެ އެހީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ބަޖެޓުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާ މިހާތަނަށް އެ ޕާޓީއަށް ލިބިފައި ނުވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ފައިސާ ހަވާލު ނުކޮށް ލަސްވާ ސަބަބު އޮޅުންފިލުވައިދޭން ވެސް ޕީޕީއެމުން ވަނީ އެދިފަ އެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަމުގެ ހަރަދަށް ފައިސާ ބޭނުންވާނެތީވެ، އެ ފައިސާ ވީ އެންމެ އަވަސް ފުރުސަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލުން ޕާޓީގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް އެދި ދަންނަވަމެވެ،" ޕީޕީއެމުން ފޮނުވި ސިޓީގައިވެ އެވެ.

ފައިސާ ހަވާލުނުކޮށްގެން ޕީޕީއެމުން ކަންބޮޑުވުންފާޅުކުރިއިރު، އެ މައްސަލާގައި އިދިކޮޅު އެމްޑީޕީން ވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކަށް ވަރަށް އަވަހަށް ނިމުމެއް ގެންނާނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފަ އެވެ.

މެމްބަޝިޕް ފޯމްތަކުގައި ފިންގަޕްރިންޓް ނުޖަހައި ހުރުމުން ފޯމުތަކުގެ ސައްހަކަމާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް ޕާޓީތަކުން މެންބަރުން އުނިކުރުމުގެ އެއްވެސް ކަމެއް ނުކުރަން ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެހެންވެ، މި އަހަރު ސިޔާސީ ޕާޓީތަކަށް ދޭން ބަޖެޓުން ކަނޑައެޅި ފައިސާ މިހާތަނަށް އައިއިރު އެއްވެސް ޕާޓީއަކަށް ނުދެ އެވެ.

މިދިޔަ އަހަރު ތިބި މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީއަށް މި އަހަރު ދޭން ޖެހޭ އަދަދު ގާތްގަނޑަކަށް 14 މިލިޔަން ރުފިޔާއަށް އަރަ އެވެ. މިއީ ރެކޯޑް އަދަދެކެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.