ގެސްޓްހައުސްތައް ކުރިއަރުވަން އުރީދޫގެ ބޮޑު އެހީއެއް
ގެސްޓްހައުސްތައް ކުރިއަރުވަން އުރީދޫގެ ބޮޑު އެހީއެއް

ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ހިދުމަތްތަކުގެ އެހީގައި ގެސްޓްހައުސް ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރުމަށް އުރީދު އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ނަޖީބް ހާން އެވެ. އަދި ގޭމްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ކަރަމް އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އުރީދޫން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ގެސްޓްހައުސް ދާއިރާ އަށް އެހީތެރިވާނެ ކަމަށެވެ.

"ޒަމާނީ ޓޫރިސްޓުން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަކެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ހިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އާ ހަރުފަތަކާއި ހަމައަށް ގެންގޮސްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސްތަކަށް ހާއްސަކޮށް އުރީދޫން ފަރުމާކޮށްފައިވާ ހިދުމަތްތަކާއި، އެހެނިހެން ވިޔަފާރިތަކަށް ފޯރުކޮށްދޭ ތަފާތު ޕްރޮޑަކްޓްތަކާއި ބެހޭ މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.

މި ރަސްމިއްޔާތުގައި ކަރަމް ވިދާޅުވީ، އޮންލައިން ޓްރެވެލް އޮޕަރޭޓަރުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ޑިޖިޓަލް ސޮލިއުޝަންތައް އުރީދޫގެ އެހީތެރިކަމާ އެކު ގެސްޓްހައުސްތަކަށް ލިބުމަކީ ދާއިރާ ކުރިއަރުވަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.