02 އޮކްޓޯބަރ 2019 - 14:40

ދިވެހިރާއްޖެއާ ގުޅުވައިގެން ބަތަލާ ޕްރިޔަންކާ ޗޯޕްރާ، ކަޕިލް ޝަރުމާ އަށް ކުތިމަތިކުރި ސުވާލަކަށް މަޖާ ޖަބާވެއް ދީފި އެވެ.
މި މަހުގެ 11 ގައި ރިލީޒްކުރާ ޕްރިޔަންކާގެ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ޕްރޮމޯޓްކުރަން ސޮނީގެ "ދަ ކަޕިލް ޝަރުމާ" އަށް ޝޯ އަށް ގޮސް ކަޕިލް އާއި ޕްރިޔަންކާއާ ދެމެދު ދެކެވެނު މަޖާ ވާހަކަތަކެއް ހިމަނައިގެން ސޮނީން އާންމުކޮށްފައިވާ ޝޯގެ ޕްރޮމޯއެއްގައި ދެ މީހުންގެ ކައިވެނީގެ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ޕްރޮމޯ ނިމޭ ހިސާބުގައި ޕްރިޔަންކާ ކުރަނީ މި ސުވާލެވެ؛ އެއީ އިހުތިޔާރަކަށް ދެ ކްރޯޑް ރުޕީސްގެ ޗެކަކާއި ހައެއްކަ އަންހެން ކުދިންނާ އެކު ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން ދާން ފުރުސަތު ލިބިއްޖެ ނަމަ އިހުތިޔާރުކުރާނީ ކޮން ކަމެއްތޯ އެވެ؟
އެ ސުވާލުގެ ޖަވާބުގައި ލާނެތް ގޮތަކަށް ކަޕިލް ބުނީ ބޭނުމީ ދެ ކްރޯޑް ކަމަށާއި އޭގެ ކުޑަ މިންވަރަކުން އަންހެން ކުދިންތަކެއް ގޮވައިގެން ރާއްޖެ އަށް ދެވިދާނެ ކަމަށެވެ. ކަޕިލްގެ އެ ޖަވާބާއެކު ޕްރިޔަންކާ އާއި މުޅި އޯޑިއަންސްގެ ހިނިގަނޑު ފަޅައިގެންދާތަން ޕްރޮމޯ އިން ފެނެ އެވެ.
ޕްރިޔަންކާ އާއި ކަޕިލް އަކީ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެ ތަރިންނެވެ. ޕްރިޔަންކާ އެތައް ފަހަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިރު، ކަޕިލް އެންމެ ފަހުން ރާއްޖެ އައިސްފައި ވަނީ 2016 ގަ އެވެ.
މިދޔަ ހަފުތާގައި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިންޑިއާ އަށް ކުރެއްވި ދަތުރުގެ ތެރޭގައި ކަޕިލްއާ ބައްދަލުކޮށް ފޮޓޯ ނަންގަވައި ޓްވީޓް ވެސް ކުރައްވާފައިވެ އެވެ. އަދި ކަޕިލް ވެސް ވަނީ މަހްލޫފްއާ ބައްދަލުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.
ޕްރިޔަންކާ ބައިވެރިވާ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެޕިސޯޑް ގެނެސްދޭނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ ރެ އެވެ. އެ އެޕިސޯޑުން "ދަ ސްކައި އިޒް ޕިންކް" ގެ ބަތަލު ފަރުހާން އަޚްތަރު ވެސް ފެންނާނެ އެވެ.
މި ފިލްމަކީ ޕްރިޔަންކާ 2016 ގެ ފަހުން ކުޅުނު ފުރަތަމަ ހިންދީ ފިލްމަށް ވާތީ މިއީ ވަރަށް ގިނަ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.