02 އޮކްޓޯބަރ 2019 - 14:04

ލަންޑަން (އޮކްޓޫބަރު 2) - އިނގިރޭސި ލީގު ކަޕްގައި ލިވަޕޫލުން ކުޅުނު މެޗުގައި އެ ޓީމުގެ ޕެޑްރޯ ޗިރިވެލާގެ ރެޖިސްޓްރޭޝަން މައްސަލަ ޖެހުމުން އިނގިރޭސި އެފްއޭ އިން އެ މައްސަލަ ބަލައި ލިވަޕޫލްގެ ކުށެއް އޮތްނަމަ އެ ޓީމަށް އަދަބުދީ ޗިރިވެލާ ސަލާމަތްކޮށްދޭން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެދިއްޖެ އެވެ.

އެމްކޭ ޑޯންސް އަތުން 2-0 އިން ލިވަޕޫލް މޮޅުވި މެޗުގައި އުމުރުން 22 އަހަރުގެ ޗިރިވެލާ ކުޅެން އެރީ މެޗުގެ ވަނަ ހާފްގައި ނަބީ ކެއިޓާގެ ބަދަލުގަ އެވެ. ޗިރިވެލާ މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނީ ސްޕެއިނުގެ ކްލަބެއް ކަމަށްވާ އެކްސްޓަރަމަޑޫރާ އަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި އެފްއޭ އިން މައްސަލަ ބަލަނީ ލޯން ނިންމާލުމަށް ފަހު ޗިރިވެލާ އެނބުރި ލިވަޕޫލަށް އައުމުން އެ ޓީމުން އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް (އައިޓީސީ)ގެ ކަންތައްތައް ފުރިހަަމަކޮށްފައިނުވާތީ އެވެ.
ލިވަޕޫލްގެ އޮފިޝަލަކު މީޑިއާ އަށް ބުނީ މިދިޔަ ޖުލައި މަހު އެ ކްލަބުން ޗިރިވެލާގެ އައިޓީސީ އަށް ހުރިހާ ލިޔުމެއް ހުށަހަޅާފައިވާ ކަމަށެވެ.
ކްލޮޕް ބުނީ ލިވަޕޫލުން މިކަމުގައި ގޯހެއް ހަދާފައިވާނަމަ އަދަބު ދިނުމަކީ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.
"މިއީ އެއްވެސް ބަޔަކު ގަސްދުގައި ކުރާނެ ކަމެއް ނޫން. ޗިރިވެލާ ސްޕެއިނުގައި ވަގުތުތަކެއް ހޭދަކޮށްފައި މި އައީ މެޗެއް ނުކުޅެ. އޭނަ އެނބުރި އައިސް މެޗެއް ކުޅެލުމުން މި ގޮތަށް ދިމާވުމަކީ މާޔޫސްކަމެއް. ދިރިއުޅުމުގައި އެންމެ މީހެއް ވެސް ނެތް ގޯހެއް ނުހެދި. މިސާލަކަށް އަހަރެމެން މިކަމުގައި ގޯހެއް ހެދިޔަސް އަދަބުދޭންވީ ޓީމަށް. ކުޅުންތެރިޔާ ސަލާމަތްކޮށްދީ،" ޗެމްޕިއަންސް ލީގުގައި މިރޭ އޮސްޓްރިއާގެ ސަލްޒްބާގާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުންޏެވެ.
މީގެ ކުރިން ވެސް ލީގު ކަޕްގައި މި ފަދަ މައްސަލައެއް ޖެހިގެން ސަންޑަލެންޑް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު މި މައްސަލައިގެ ތަހުގީގަށް ފަހު އިނގިރޭސި އެފްއޭ އިން ބޭނުންނަމަ ލިވަޕޫލް މުބާރާތުން ބޭރުކޮށްލުމުގެ އިހުތިޔާރު ވެސް އެބައޮތެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި އެފްއޭގެ ވިސްނުން ހުރީ ލިވަޕޫލް ޖޫރިމަނާ ކުރުމަށް ފަހު މެޗު އަލުން ކުޅެން ޖެއްސުމެވެ. ކްލޮޕް ބުނީ މިހާރު ޝެޑިއުލް އޮތްގޮތުން އަނެއްކާ މެޗެއް އިތުރުވުމަކީ އެ ޓީމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.