02 އޮކްޓޯބަރ 2019 - 10:41

ރާއްޖޭގެ މާކެޓިން ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ ނިއުޝާދު ޝަރީފް، ނުވަ އަހަރު ފަހުން، އަނެއްކާ އުރީދޫގައި މަސައްކަތްކުރައްވަން އިއްޔެ ފައްޓަވައިފި އެވެ.
އުރީދޫގެ ބްރޭންޑް އެންޑް މާކޮމް ހެޑްގެ މަގާމަށް ނިއުޝާދު ވަޑައިމިގަތީ، ރާއްޖޭގެ އެންމެ ބޮޑު އެއް އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސްގައި، ހަތަރު އަަހަރު މަސައްކަތްކުރަައްވައި، ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އިސްތިހާރުތަކެއް ޓީވީތަކުގައި މަޝްހޫރުކޮށްދެއްވައިފަ އެވެ. އެލައިޑްގެ މާކެޓިން ހެޑްގެ މަގާމުގައި ހުންނަވައި، އެތަނުގެ ބައެއް ހިދުމަތްތައް އާންމުންގެ ބޮލަށް ވައްދައިދޭން ތައްޔާރުކުރި ޓީވީ އިސްތިހާރުތަކުގައި ނިއުޝާދުގެ ބޮޑު ހިއްސާއެއް އެކުލެވެ އެވެ.
މީގެ ކުރިން ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި ހިންގި ކުންފުނި ވަނީ އުރީދޫގެ ނަމަށް ބަދަލުކޮށް ރިބްރޭންޑް ކޮށްފަ އެވެ. ވަތަނިއްޔާ އެންމެ ފުރަތަމަ ރާއްޖޭގެ މޮބައިލް މާކެޓަށް ވަން އިރު ވެސް ނިއުޝާދަކީ މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2005 އިން 2010 އާ ދެމެދު ވަތަނިއްޔާ އިން އާންމުންގެ ތެރެއަށް ނެރުނު މޮޅު އިސްތިހާރުތަކުގައި ވެސް އޭނާގެ ހިޔާލާއި މަސައްކަތް ހިމެނެ އެވެ.
އެލައިޑަށް ނިއުޝާދު ބަދަލުވެވަޑައިގަތީ ރާއްޖޭގެ އެންމެ ބޮޑު ޕީއާރު އަދި އެޓްވަޓައިޒިން އެއް ކުންފުނި ކަމަށް ވާ ތިންކް އެޑްވަޓައިޒިންގައި ބްރޭންޑް ޕްލޭނިން ސީނިއަ މެނޭޖަރުގެ ގޮތުގައި ތިން އަހަރު އުޅުއްވައިފަ އެވެ.
އުރީދޫގެ މާކެޓިން ޓީމުގައި މިހާރު ވެސް ރާއްޖޭގެ ނިސްބަތުން ވަރަށް ފާހަގަކޮށްލެވޭ، ހިންގުންތެރިން ހިމެނެ އެވެ. އެހެންކަމުން އެ ޓީމާ ނިއުޝާދު ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑު ބަދަލެއް އަނެއްވެސް ފެނިދާނެ ކަމެއް ކަމަށް، މާކެޓިން ދާއިރާގެ ބައެއް މީހުން ލަފާކުރެ އެވެ.