01 އޮކްޓޯބަރ 2019 - 21:28

ކިޑްނީ ފެއިލްވެފައިވާ މީހަކަށް އެހީތެރިވުމުގެ ގޮތުން އަމިއްލަ ކިޑްނީ ހަދިޔާ ކުރަން ބޭނުންވެގެން ދިވެހި ޒުވާނަކު މިއަދު ސޯޝަލް މީޑިއާގައި އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ހުޅުދޫ، އަހުމަދު ފިރާޒް، 33، މީގެ ގަޑިއެހާ އިރު ކުރިން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އޭނާ ކިޑްނީ ހަދިޔާ ކުރަން ބޭނުންވަނީ އެ ބަލީގައި އުޅޭ މީހުންގެ ހާލު ފެނި އެ މީހުންނަށް އެހީތެރިވާން ބޭނުންވާތީ ކަމަށެވެ.
"މީހުން ކިޑްނީ ބޭނުންވެގެން އުޅޭ ހާލު ސޯޝަލް މީޑިއާ އިން ފެނި ދެރަވެގެން މި ނިންމީ ކިޑްނީ ހަދިޔާ ކުރަން،" ފިރާޒް "މިހާރު" އަށް ބުންޏެވެ. "ދުނިޔެވީ އެއްވެސް އެދުމެއް ނެތް. އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ﷲގެ ދަރުމައަށް އެދި މިކަން މިކުރަނީ."
ކުރިން ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްފައިވާ ފިރާޒް ބުނިގޮތުގައި އޭނާ އެކަން އިއުލާން ކުރިތާ ގަޑިއެއްހާ އިރުތެރޭ 40 އަށް ވުރެ ގިނަ މީހުން ވަނީ ކިޑްނީ ބޭނުންވެގެން ގުޅައިފަ އެވެ. އޯ ޕޮޒިޓިވް ލޭ ހުންނަ ފިރާޒް ނިންމާފައިވަނީ އޭނާއާ ކްރޮސްމެޗް ދިމާވާ ކޮންމެވެސް މީހަކަށް ކިޑްނީ ހަދިޔާ ކުރާށެވެ.
"ވަރަށް މީހުން ގުޅާފަ އާދޭސް އެބަކުރޭ ކިޑްނީ ބޭނުންވެގެން. އަޅުގަނޑު ބުނަން އާދޭސް ކުރާނެ ކަމެއް ނެތޭ. ދިމާވާ މީހަކަށް ކިޑްނީ ދޭނަމޭ،" މި ވަގުތު ވަޒީފާއެއް އަދާ ނުކުރާ ފިރާޒް ބުންޏެވެ.
އަދި ކައިވެންޏެއް ކޮށްފައި ނުވާ ފިރާޒް ބުނިގޮތުގައި އޭނާ ކިޑްނީ ހަދިޔާ ކުރަން ނިންމީ އެކަމުގެ މައުލޫމާތު ހޯދައި ބެލުމަށް ފަހު އެއީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫންކަން ޔަގީން ކުރުމަށް ފަހު އެވެ. އޭނާގެ އާއިލާ އިން ވެސް އެކަމާ ދެކޮޅު ނުހަދާ ކަމަށް ފިރާޒް ބުންޏެވެ.
ކިޑްނީ ފެއިލްވެފައިވާ މީހުން ރާއްޖޭގައި ގިނައިރު ކިޑްނީ ހަދިޔާ ކުރަން ޖެހިލުންވާ މީހުން ގިނަ އެވެ. ރަނގަޅު ސިއްހަތެއްގައި ހުންނަ މީހުން އެއް ކިޑްނީ ހަދިޔާ ކުރިނަމަވެސް ރަނގަޅު ސިއްހަތެއްގައި އުޅެވޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.