01 އޮކްޓޯބަރ 2019 - 16:00

ރިޔާޒް (އޮކްޓޯބަރު 1) - ސައުދީ ސިފައިންގެ ގިނަ ބަޔަކު ހައްޔަރުކޮށް، ރަހީނުކޮށްފައިވާ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނި ވާހަކަ ސައުދީ-ޔޫއޭއީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ދޮގުކޮށްފި އެވެ.
ހޫތީންގެ ތަރުޖަމާނަކު ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނީ އޮގަސްޓް މަހު ފަހުކޮޅު ސައުދީ އަރަބިއާގެ ދެކުނުގެ ނަޖްރާން އަށް ދިން ހަމަލާގައި އެތައް ސަތޭކަ ސިފައިންނެއް މަރައި އަދި އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ސައުދީގެ ބޯޑަރަށް ވުރެ އެތެރެއަށް ވަދެ ހަމަލާ ދިނުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ވެސް ހޫތީން ބުނެފައިވެ އެވެ.
އެކަމަކު ކޯލިޝަންގެ ތަރުޖަމާން ކާނަލް ތުރްކީ އަލް މަލްކީ ވިދާޅުވީ ސައުދީ ސިފައިންގެ ގިނަ ބަޔަކު ހައްޔަރު ކުރި ކަމަށް ބުނުމަކީ ހޫތީން ފަށާފައިވާ "އޮޅުވާލުމުގެ ކެމްޕޭނު"ގެ ބައެއް ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޮގަސްޓް މަހު ފަހުކޮޅު ސައުދީ ބޯޑަރުގައި ހޫތީން ދޭން އުޅުނު ހަމަލާއެއް ކޯލިޝަނުން ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.
ޔަމަނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރާ ހޫތީން ވަނީ ފަހަކަށް އައިސް ސައުދީ އަށް ދޭ ވައިގެ ހަމަލާތައް އިތުރުކޮށްފަ އެވެ. ސެޕްޓެމްބަރު 14 ވަނަ ދުވަހު ވަނީ ސައުދީގެ ގައުމީ ތެޔޮ ކުންފުނީގެ ދެ ޕްލާންޓަކަށް ޑްރޯން ހަމަލާދީ އެ ދެތަނުގެ މަސައްކަތް ހުއްޓުވައިފަ އެވެ.
އެކަމަކު މަލްކީ ވިދާޅުވީ ހޫތީންނަކީ ސައުދީ އަށް ގެއްލުމެއް ދެވޭވަރުގެ ގާބިލްކަން ހުރި ބައެއް ނޫން ކަމަށާއި ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ ވަނީ ކޯލިޝަނުން ދިން ހަމަލާތަކުގައި ހޫތީންގެ 1،500 މީހުން މަރުވެފައި ކަމަށެވެ.
ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ފެށީ 2014 ވަނަ އަހަރު އެވެ. ހޫތީން ވަނީ ވެރިރަށް ސަންއާ ހިފައިފަ އެވެ. ހޫތީންނާ ދެކޮޅަށް ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދޭން ފެށީ މާޗް 2015 ގަ އެވެ.