22 ސެޕްޓެމްބަރ 2016 - 15:23

ސީޓްރެކްސް ބިލްޑިންގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް މަރާމާތަށް ބަންދުކޮށް، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބްރާންޗުން އާދީއްތަ ދުވަހުން ފެށިގެން ޑޮލަރު ވިއްކަން ނިންމައިފި އެވެ.
ސީޓްރެކްސް ބިލްޑިންގައި ކުރިން ހިންގި ބީއެމްއެލްގެ ބާޒާރު ބްރާންޗް މިހާރު ވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ބީއެމްއެލް ލައިޓް ކުރިން ހިންގި ތަނަށް ބަދަލުކޮށްފަ އެވެ. އެކަމަކު، ޑޮލަރު ވިއްކަމުން އައިސްފައި ވަނީ ސީޓްރެކްސް ބިލްޑިން އިންނެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑޮލަރު ވިއްކުމަށް ހަމަޖެހިފައި ވަނީ ޓްރޭޑް ސެންޓަރުގައި ހުންނަ ބްރާންޗުން، ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ކަމަށެވެ.
ސީޓްރެކްސް ބިލްޑިންގްގައި ހިންގަމުން އައި ބްރާންޗު މަރާމާތުކުރަނީ އެ ތަނުގައި އިސްލާމިކް ބޭންކިން އަށް ހާއްސަ ބްރާންޗެއް ހުޅުވުމަށެވެ. ބޭންކުން ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ ފަހުކޮޅު އެ ތަނުން ހިދުމަތް ފެށޭނެ އެވެ.
ބީއެމްއެލް އިން ޑޮލަރު ވިއްކަނީ ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ މަގުންނެވެ.