ކޯރަކަށް ވެއްޓުނު އައިފޯން 15 މަސް ފަހުން ވެސް ބަރާބަރު
ކޯރަކަށް ވެއްޓުނު އައިފޯން 15 މަސް ފަހުން ވެސް ބަރާބަރު

މީގެ 15 މަސް ދުވަސް ކުރިން ކޯރަކަށް ވެއްޓުނު އައިފޯނެއް ބޭނުންކުރެވޭ ހާލަތުގައި އޮންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

އެ ވީޑިއޯ އާންމުކޮށްފައި ވަނީ ޔޫޓިއުބް ޗެނަލެއް ހިންގާ އެމެރިކާގެ މައިކަލް ބެނެޓެވެ. އޭނާ ބުނި ގޮތުގައި އެ ފޯނު ފެނުނީ ސައުތު ކެރޮލައިނާގެ އެޑިސްޓޯ ކޯރަށް ރައްޓެހިންތަކަކާ އެކު ކުރި ޑައިވެއްގެ ތެރޭގަ އެވެ.

ކޯރުގެ ތެރެއިން ފޯނު ފެނުމުން އެ ނަގައި، ބެލިއިރު ފޯނު ބަރާބަރަށް މަސައްކަތްކުރާ ކަމަށް އޭނާ ބުންޏެވެ. ފޯނު ނެގިއިރު އޭތި އޮތީ ވޯޓަޕްރޫޕް ކަވަރެއްގަ އެވެ.

އެހެންވެ އެއީ ކާކުގެ ފޯނެއްކަން ވެސް ދެނެގަވުނެވެ. ފޯނުގެ ވެރިފަރާތާ މައިކަލް ފޯނު ހަވާލުކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

"ފޯނު ނެގުމަށް ފަހު ކަވަރު ނައްޓާލައިގެން ބެލިއިރު އެއްވެސް ގެއްލުމެއްވެފައެއް ނެތް. ދެން ޗާޖަރަށް ޖަހާލުމާ އެކު ރަނގަޅަށް ޗާޖްވާން ފެށި. ފޯނު ހަމަ ބަރާބަރަށް މަސައްކަތްކުރޭ،" މައިކަލް ބުންޏެވެ.

ފޯނުގެ ވެރިފަރާތް ކަމަށްވާ އެރިކާ ބެނެޓް ބުނި ގޮތުގައި އެ ފޯން އަހަރަކަށް ވުރެ ވެސް ގިނަ ދުވަސް ފަހުން އަނބުރާ ލިބުމަކީ އުންމީދު ވެސް ކުރި ކަމެއް ނޫނެވެ. އެކަމަކު ފޯނު ލިބުމުން އުފަލުން ގޮސް ޖަޒުބާތުން އޭނާ ފޯ ވެސްކޮށްފި އެވެ. ސަބަބަކީ މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާ ބައްޕަ އަށް އެރިކާ ފޮނުވި މެސެޖްތަކެއް ވެސް ފޯނުގައި ހުރުމުންނެވެ.

"ބޮޑަށް ހަނދާން ވަނީ އެ މެސެޖްތަކަކީ އެއް ފަހަރަކު ފާދާޒް ޑޭގައި ބައްޕައަށް ފޮނުވި މެސެޖްތަކެއް ކަމަށް." އޭނާ ބުންޏެވެ.