01 އޮކްޓޯބަރ 2019 - 11:50

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކްލަބްތަކުން ހުށަހެޅުމުން އެކަމުން ސަލާމަތްވާން އެފްއޭއެމުން މަސައްކަތްކުރާނެ އެވެ. ކުރަން ވެސް ޖެހޭނެ އެވެ. އެކަމާ ބަހުސެއް ނެތެވެ. އެކަމަކު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ އެހީއާ އެކު ކްލަބްތަކުން މި އަހަރު ކުރީކޮޅު ހުށަހެޅި އެ މައްސަލައިން ސަލާމަތްވާން އެފްއޭއެމުން އަމަލުކުރީ ރަނގަޅަށްތޯ މިއީ އޭރު އުފެދުނު ސުވާލެކެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ "އެކުރި ގޮތަކަށް ކޮށްގެން ވެސް" ބައްސާމް އެ މަސައްކަތް ކާމިޔާބުކުރައްވައިފި ކަމަށާއި އެހެންވެ ތަޅާފޮޅުން ނިމުނީ ކަމަށެވެ. ރަނގަޅެވެ. އެފްއޭއެމާއި ސަރުކާރުން އަރައިރުން ހުއްޓާލުމަކީ ދިވެހި ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމެކެވެ. އެކަމަކު "އެކުރި ގޮތަކަށް ކޮށްގެން" ބައްސާމް މޮޅުވީ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ ނުރައްކާތެރި ވާހަކައެކެވެ. ސަބަބަކީ އެކަމުން ސަލާމަތްވާން އެފްއޭއެމުން އޭރު އަމަލުކުރި ގޮތްގޮތަކީ ގޯސް ކަންތައްތަކެއް ކަމަށް އޭރު ސަރުކާރުން ބުނެފައިވުމެވެ. އެހެންވެ އެފްއޭއެމާ އެއްގަލަކަށް ސަރުކާރުން އަރާހިސާބުން، ކުރިން ދެއްކި ވާހަކަތައް އޮއްބައިލެވިގެން ނުވާނެ އެވެ. ތުހުމަތެއް އޭރު ކޮށްފައިވާ ނަމަ އެކަން ބަލަން ވެސް ޖެހޭނެ އެވެ.
ދެން ބަލައިލަން ޖެހެނީ އެ މަސައްކަތް ކާމިޔާބުކުރަން ބައްސާމް ކުރެއްވި ކަންކަމާއި އެކަންކަމާ ބެހޭގޮތުން އޭރު ސަރުކާރުން ދެއްކި ވާހަކަތަކެވެ. އެފްއޭއެމުން އެ މަސައްކަތް އެންމެ ފުރަތަމަ ނާކާމިޔާބުކޮށްލީ ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްގެންނެވެ. އެ ކްލަބް ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، އެކަމުގެ ފަހަތުގައި އޮތީ އިތުބާރު ނެތްކަމުގެ މައްސަލަކަން ވަރަށް ސާފެވެ.
ފުރަތަމަ ކަމަކީ އެތައް ކްލަބެއްގައި އެ މައްސަލަތައް ހުއްޓާ ހަމައެކަނި ނިއު ސަސްޕެންޑްކުރުމެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަން އިއުލާންކުރުމާ އެކު ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރުމެވެ. މުސާރައިގެ މައްސަލައިގައި ފީފާ އިން ވެސް ނިއު އަށް ދިން އަދަބަކީ ކުޅުންތެރިން ނުގެނެވޭ ގޮތަށް ހެދުމެވެ. މާނައަކީ މާލީ އިތުރު ޒިންމާއެއް ނަގަން ނުޖެހި ކުރީގެ ދަރަނިތައް ފުއްދަމުން ކްލަބް ހިނގުމުގެ ފުރުސަތު ފީފާ އިން ވެސް ދިނުމެވެ. އެފްއޭއެމަށް ވެސް އެފަދަ އަދަބެއް ދެވެން އޮއްވާ ނިއު ސަސްޕެންޑްކޮށްލީ އެވެ.
އެކަމާ ގުޅިގެން އޭރުގެ އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ސަސްޕެންޝަން އުވާލައި އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލެއްވުމަށް އެފްއޭއެމުގައި އެދޭ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ވަކި ކަމަކާ ގުޅިގެން ކްލަބްތަކަށް ފިޔަވަޅު އެޅޭ އެޅުން އެއީ އެއްވެސް އިންސާފެއް ނޫން ކަމަށާއި މި ސަރުކާރުން ވެރިކަމަށް އައީ ވެސް ބޭއިންސާފާ ދެކޮޅަށް ކަމަށެވެ. އިތުބާރު ވޯޓަކާ ގުޅިގެން ބަޔަކު މީހުން ސަސްޕެންޑްކޮށް މި ފަސްގަނޑުގައި އަދުލު އިންސާފުން ބޭރުން ނުކުރެވޭނެ ކަމަށާއި އަދި ފީފާގެ އުސޫލުތަކުގައި ވެސް އެކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މާދަމާ އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހެޅީމާ ރައްޔިތުންގެ މަޖިލީހުގައި ތިބި ހުރިހާ މެމްބަރުން ހައްޔަރުކުރަން އަޅުގަނޑުމެން ގޮސްގެންނުވާނެ،" އަލީ ވަހީދު އޭރު ވިދާޅުވެފައިވެ އެވެ.
ނިއު ސަސްޕެންޑްކުރުމުން ވެސް ކްލަބްތަކުން އެ މަސައްކަތް ހުއްޓައެއް ނުލި އެވެ. އެކަމުގައި ދެން އިސްނެގީ ވިކްޓްރީންނެވެ. އެކަމަކު އެ ކްލަބުގެ ހުށަހެޅުމުގައި މެޖޯރިޓީ ކްލަބްތަކުން ސޮއިކުރި ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭ ގޮތް ނުވީ ހަތަރު ކްލަބަކުން ނަން އަނބުރާ ނެގުމުންނެވެ. އެއީ ކޮން ކްލަބްތަކެއްކަން އެފްއޭއެމުން ނުބުނެ އެވެ. އަދި އެ ކްލަބްތަކުން އެކަން ވިކްޓްރީ އަށް ވެސް އަންގާފައެއް ނުވެ އެވެ. އެކަމަކު ފީފާ އާއި އޭއެފްސީގެ މަންދޫބުން ކްލަބްތަކާ ބައްދަލުކުރުމުން، އޭގެ ތެރެއިން ހަތަރު ކްލަބަކުން ވަނީ ނަން އަނބުރާ ގެނެސްފައިވާ ކަމަށްވެ ބުނެފަ އެވެ. އެއާ އެކު ވިކްޓްރީގެ ހުށަހެޅަށް ގާނޫނީ ހައިސިއްޔަތު ގެއްލި ކޮންގްރެސް ބޭއްވޭ ގޮތް ނުވީ އެވެ.
އެކަމާ ގުޅިގެން އަލީ ވަހީދު އޭރު ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއިކުރުމަށް ފަހު ނަން އަނބުރާ ނެގި ކްލަބްތަކުގެ އަމަލުތައް ހުރި ގޮތުން، އެކަމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައި އޮތްކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ.
"ދިވެހި ފުޓްބޯޅަ ރަނގަޅުވާނީ ފުޓްބޯޅަ އާއިލާ މީހުން އެކައްޗެއް ކިޔައިގެން. މިގޮތަށް ސޮއި އަޅާފައި ސޮއި ނެގީމާ ތުހުމަތުތައް ކުރުމުގެ ޖާގަ އެބައޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަން ނެގީ ކޮން ކްލަބްތަކެއްކަން ވެސް އެނގޭ ކަމަށާއި އޭގެ ބައެއް ކްލަބްތަކުން އާ ސީޒަނަށް ކުޅުންތެރިންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ނަން ނުނަގާ ތިބި ކްލަބްތައް ތިބީ ހަމަ އެ ތިބި ހާލަތެއްގައި ކަމަށެވެ.
"އެހެންވީމާ މީގެން ފެނޭ އެބަ އެހެން މަންޒަރެއް،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވި އެވަގުތު ގޭގައި ހުންނެވި މިނިސްޓަރު މަހުލޫފުގެ ބަދަލުގައި މިނިސްޓްރީ އޭރު ހިންގެވި އަލީ ވަހީދު ވަނީ ނިއު ސަސްޕެންޑްކުރުމާއި އަދި ކްލަބްތަކުން ނަން ނެގި ނެގުމުގައި ނުރަނގަޅު ކަންކަން ހިނގި ކަމަށް ސާފު ބަހުން ތުހުމަތުކުރައްވައިފަ އެވެ.
އެކަމަކު މިއަދު މަހުލޫފު ވިދާޅުވަނީ އެ ކުރި ގޮތަކަށް ކޮށްގެން ވެސް އެފްއޭއެމް މޮޅުވެއްޖެ ކަމަށާއި އެހެނޭ ކިޔާފައި ރުޅި ހަދާފައި ނުތިބޭނެ ކަމަށެވެ. ބޮޑެތި ތުހުމަތުތަކެއްކޮށްފައި އެކަން ހަނދާން ނައްތާލެއްވީ އެވެ. އެކަން އެކަންޏެއް ނޫނެވެ. އެފްއޭއެމުގައި ސިޔާސީ ހަރަކާތް ހިންގާ ކަމަށް ބުނި ނަމަވެސް މިއަދު އެ މައްސަލަ ބެލުމުގެ ޝައުގެއް ވެސް ނެތެވެ. ވިދާޅުވަނީ ތިމަންނާ އާއި ބައްސާމާ ދެމެދު އޮތް މައްސަލައައަކަށް ވުރެ ގައުމު ބޮޑުވާނެ ކަމަށެވެ.
އެކަމަކު މިއީ މިނިސްޓަރާއި ބައްސާމާ ދެމެދު އޮތް މައްސަލައެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް، ދިވެހިރާއްޖޭގެ ކުޅިވަރު ވަޒީރު ކުރެއްވި ތުހުމަތުތަކެއްގެ ވާހަކަތަކެވެ. ފުޓްބޯޅައިގައި ހޭކިގެންވާނެ ކުލައެއް ކަމަށް އެކަކު ވެސް ގަބޫލުނުކުރާ ސިޔާސީ ކުލަ އެފްއޭއެމުގައި ހޭކި ކަމުގެ ސީރިއަސް ތުހުމަތެވެ. ވުޒާރާއަކުން މުއައްސަސާއަކަށް ކުރި ތުހުމަތެވެ. އެއީ މަހުލޫފާއި ބައްސާމް ސުލްހަ ވިޔަސް ނިމޭނެ ކަންކަމެއް ނޫނެވެ.
"މިދިޔަ ފަސް އަހަރުގެ ތެރޭގައި އެފްއޭއެމްގައި ރައީސް ޔާމީނުގެ ކެމްޕެއިން އޮފީސް ހަދައިގެން އެތަނުގައި ކެމްޕެއިން ކުރަން ތިބި ބަޔަކަށް ރަނގަޅު މަސައްކަތެއް ނުކުރެވޭނެ" މިއީ މަހުލޫފު ވިދާޅުވި ވާހަކައެކެވެ.
އެފްއޭއެމުގައި ތިބީ ސިޔާސީ ގޮތުން ހިޔާލު ތަފާތު ބަޔަކަށް ވިޔަސް އެތަނާ ގުޅިގެން މަސައްކަތްކުރަން ސަރުކާރަށް ލާޒިމްވާނެ އެވެ. ސަރުކާރާއި އެފްއޭއެމް ގުޅިގެން ކުރާ މަސައްކަތާ މެދު އެއްވެސް ޝަކުވާއެއް ނޯންނާނެ އެވެ. އެކަމަކު އެފްއޭއެމްއާ ސަރުކާރުން އެއްކޮށް މަސައްކަތްކުރުމަކީ ކުރިން ދެއްކެވި ވާހަކަތަކާއި ކުރި ތުހުމަތުތައް އޮއްބައިލަން ލިބޭނެ ސަބަބަކަށް ވެގެން ނުވާނެ އެވެ. އެ ނޫނީ އެ ތުހުމަތުތައް ބެލެވޭނީ ސިޔާސީ ގޮތުން ޕޮއިންޓް ހޯދަން ދައްކަވާ ހޮޅި ވާހަކަތަކެއްގެ ގޮތުގަ އެވެ. ސިޔާސީ ފައިދާ ނަންގަވަން އެފްއޭއެމް އާއި ކްލަބްތަކާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ ގޮތުގަ އެވެ.