ބޮންޑްގެ ރޯލުން ޑެނިއެލް ކްރެއިގް ފެންނަ ފަހު ފިލްމު ނިންމާލައިފި
ބޮންޑްގެ ރޯލުން ޑެނިއެލް ކްރެއިގް ފެންނަ ފަހު ފިލްމު ނިންމާލައިފި

މިދިޔަ މެއި މަހުގެ ތެރޭގައި ޝޫޓީން ފެށި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓް ޑައި" ގެ ޝޫޓިން ނިންމާލައިފިި އެވެ.

މިރާ އިން ބުނިގޮތުގައި ފިލްމުގެ ޝޫޓިން ނިންމައިލީ އިޓަލީގަ އެވެ. އަދި އެކަން ފާހަގަކުރަން ފިލްމުގެ ކާސްޓާއި ކްރޫ ދެކުނު އިޓަލީގެ މަޓޭރާގެ މަޝްހޫރު ރެސްޓޯރަންޓެއްގައި ބޭއްވި ސެލެބްރޭޝަން ޕާޓީއެއްގައި ބޮންޑް ތީމް ކޭކެއް ފަޅައި، ކާސްޓާއި ކްރޫ މަޖާކޮށް ފޯރިނަގާފައިވެ އެވެ.

"ނޯ ޓައިމް ޓް ޑައި" އަކީ ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމެވެ. އަދި މިއީ ބޮންޑްގެ ރޯލުން އެކްޓަރު ޑެނިއެލް ކްރެއިގް ފެންނާނެ ފަހު ފިލްމެވެ. އޭނާ ވަނީ ބޮންޑްގެ ރޯލް ހަތަރު ފިލްމެއްގައި ކުޅެފަ އެވެ.

އަންނަ އަހަރުގެ އެޕްރީލް 8 ގައި "ނޯ ޓައިމް ޓް ޑައި" ރިލީޒްކުރަން ތާވަލުކޮށްފައި ވާއިރު، ކްރެއިގާ އެކު މި ފަހަރު ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، އަނާ ޑި އާމަސް، ޑޭވިޑް ޑެންސިކް، ލަޝާނާ ލީންޗް އަދި ޑަލީ ބެންސެލާ ހިމެނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކެރީ ޖޯޖީ ފުކުންގާ އެވެ.

"ނޯ ޓައިމް ޓް ޓައި" ގެ ޝޫޓިން ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމައިލި އިރު، ޝޫޓިންތެރޭގައި އެކި ކަހަލަ ހާދިސާތައް ވެސް ހިނގާފައިވެ އެވެ.

އޭގެ ތެރޭގައި ކްރެއިގް ފަޔަށް އަނިޔާވެ، އޮޕަރޭޝަނެއްކުރަން ޖެހި ޝޫޓިން އަށް ބުރޫއެރުމާއި ސެޓެއްގެ އެއްޗެއް ގޮވައި ގެއްލުންތަކެއްވެ، ކްރޫ މެމްބަރަކު ޒަހަމްވުމުގެ އިތުރުން ސެޓްގެ މެއިންޓަނަންސް މަސައްކަތުގައި އުޅުނު މީހަކު އަންހެން ކްރޫން ބޭނުންކުރި ފާހާނާއެއްގައި ސިއްރު ކެމެރާ ހަރުކޮށް، މަންޒަރުތައް ރެކޯޑް ކުރި މައްސަލައެއް ސާބިތުވެ 16 މަސް ދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހުން ހިމެނެ އެވެ.

އެންމެ ފަހުން ގެނެސްދޮން ބޮންޑް ފިލްމަކީ 2015 ގެ "ސްޕެކްޓާ" އެވެ.