ސަންޖޭ ކަޕޫރަށް އިނގިރޭސިވިލާތުން ހާއްސަ އެވޯޑެއް
ސަންޖޭ ކަޕޫރަށް އިނގިރޭސިވިލާތުން ހާއްސަ އެވޯޑެއް

ހިންދީ ފިލްމުތަކަށް ބޮޑު މަގުބޫލުކަމެއް އޮންނަ އިނގިރޭސިވިލާތުން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރަށް ހާއްސަ އެވޯޑެއް ދީފި އެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ހައުސް އޮފް ކޮމަންސް އިން ސަންޖޭ އަށް ދިނީ "މޯސްޓް އިންޕަޔަރިން އިންޑިއަން ބޮލީވުޑް އެކްޓާ" ގެ ޝަރަފެވެ. އެގޮތުން އޭނާ ހިންދީ ސިނަމާ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އެވޯޑާ އެކު ހާއްސަ ލިޔުމެއް ވެސް ދީފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ސަންޖޭ ބުނީ އޭނާ އަށް އިނގިރޭސިވިލާތުން ހާއްސަ ޝަރަފެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ހިތްވަރު އާ ވާ ކަމަށް ބުންޏެވެ.

އެކްޓަރު އަނިލް ކަޕޫރާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ކޮއްކޮ ސަންޖޭއަކީ ބޮލީވުޑުން މާ ކުރިއަށް ދެވެނު ތަރިއެއް ނޫނެވެ. މިހާރު އުމުރުން 53 އަހަރުގެ ސަންޖޭ އެކްޓިން އަށް ނުކުތީ 1995 ގެ "ޕްރޭމް" އިންނެވެ. ދެ ކުދިންގެ ބައްޕަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ރާޖާ"، "ސިރްފް ތުމް" އަދި "ޝަކްތީ: ދަ ޕަވާ" ހިމެނެ އެވެ.

ސަންޖޭގެ ދެ ފިލްމެއް ދާދި ފަހުން ރިލީޒްކޮށްފައިވެ އެވެ. އެއީ މިދިޔަ މަހު ރިލީޒްކުރި "ދަ ޒޯޔާ ފެކްޓާ" އާއި އޮގަސްޓްގައި ރިލިޒްކުރި "މިޝަން މަންގަލް" އެވެ. ފިލްމުތަކުގެ އިތުރުން ސަންޖޭ ޓީވީ ސިލްސިލަތާއި ވެބް ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.

ނެޓްފްލިކްސް އިން މިދިޔަ އަހަރު ސްޓްރީމްކުރި އަދި މިދިޔަ މަހު ބޭއްވި 71 ވަނަ އެމީ އެވޯޑްސްގައި ބެސްޓް ޓީވީ މޫވީ/މިނީ ސީރީޒް ކެޓަގަރީން ނޮމިނޭޓް ވެސްވި އެންތޮލިޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގައި ސަންޖޭ ކުޅުނު ރޯލަށް މިދިޔަ އަހަރު އޭނާ އަށް އޮސްލޯ އިން ވެސް އެވޯޑެއް ލިބިފައިވެ އެވެ.

ސަންޖޭގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒްކުރާ "ބޭދަބު" އެވެ.