22 ސެޕްޓެމްބަރ 2016 - 15:16

ސިޑްނީ (ސެޕްޓެމްބަރު 22) - މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގެއްލުމުގެ ކުރިން ބޯޓުގައި އަލިފާން ރޯވި ކަމަށް ބުނާ ތިއަރީގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
އެމްއެޗް370 ގައި އަލިފާން ރޯވެފައިވާ ކަމަށް ވާހަކަ ދެކެވެން ފެށީ މި މަހު ކުރީކޮޅު މަޑަގަސްކަރަ އިން ފެނުނު މަތިންދާ ބޯޓުގެ ބައެެއްގައި އަލިފާން ރޯވެފައިވާ ކަމަށް ބެލެވޭ ނިޝާންތަކެއް ފެންނަން ހުރުމުންނެވެ. މަޑަގަސްކަރަ އިން ފެނުނު ބައި އޮސްޓްރޭލިއާގައި ތަހުލީލު ކުރުމަށް ފަހު އެއީ އެމްއެޗް370 ގެ ފިޔަގަނޑުގެ ބައެއްކަން ވަނީ ޔަގީންކޮށްފަ އެވެ.
ނަމަވެސް އޮސްޓްރޭލިއާގެ ކަމާބެހޭ އޮފިޝަލުން ބުނެފައި ވަނީ ފިޔަގަނޑުގައިވާ އަލިފާން ރޯވެފައިވާ ކަމުގެ މާކަކީ އޭގައިވާ ރެސިންގެ ސަބަބުން ލެވިފައިވާ މާކްތަކެއް ކަމަށެވެ. އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑަރެން ޗެސްޓާ ވެސް ވަނީ އެކަން މިއަދު ޔަގީން ކޮށްދެއްވައިފަ އެވެ.
ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރު ކުރަނިކޮށް އެމްއެޗް370 ގެއްލުނީ މާޗް، 2014 ގަ އެވެ. ބޯޓު ވާނީ އިންޑިއާ ކަނޑުގެ ދެކުނަށް ވެއްޓިފައި ކަމަށް ތަޖްރިބާކާރުން ލަފާކުރެ އެވެ.
އެމްއެޗް370 ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ އޮސްޓްރޭލިއާ އިންނެވެ. މެލޭޝިއާ އާއި ޗައިނާ ގުޅިގެން ކުރަމުންދާ މަސައްކަތުގައި ބޯޓު ހޯދަން ކަނޑު އަޑިން 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާތަނަށް ވަނީ 105،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލައިފަ އެވެ. ތިން ގައުމުން ވެސް މިހާރު ވަނީ ބޯޓާ ބެހޭ އިތުރު މައުލޫމާތެއް ނުލިބިއްޖެ ނަމަ ބޯޓު ހޯދުމުގެ މަސައްކަތް މި އަހަރު ފަހުކޮޅު ހުއްޓާލުމަށް ނިންމައިފަ އެވެ.