02 އޮކްޓޯބަރ 2019 - 07:01

ސްޓާ ޕްލަސް އިން ގެނެސްދޭ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ނެގަޓިވް ކެރެކްޓާ ކޮމަލިކާގެ ރޯލަށް ސޮއިކޮށްފައިވާކަން ބަތަލާ އާމްނާ ޝަރީފް ޔަގީންކޮށްދީފައި ވަނިކޮށް އޭނާގެ ފެނިލުމަކާ އެކު، ސިލްސިލާގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.
ޕްރޮޑިއުސަރު އެކްތާ ކަޕޫރް ޓްވިޓާގައި ހިއްސާކުރި ޕްރޮމޯގައި ފެންނަނީ އާމްނާ މޫނުގެ ކާމިޔާބު ސާޖާރީއަކުން އެނބުރި އަންނަން ތައްޔާރުވާތަނެވެ. އާމްނާ އަކީ މީގެ އަހަރުތަކެއް ކުރިން އެކްތާ ގެނެސްދިން ވަރަށް ކާމިޔާބު ސިލްސިލާއެއް ކަމަށްވާ "ކަހީ ތޯ ހޯގާ" ގައި ކަޝިޝްގެ ރޯލް ކުޅުނު ބަތަލާ އެވެ.
އޭނާ "ކަސޯޓީ" ގެ ކޮމަލިކާގެ ރޯލުން ފެނުންވެގެން ދާނީ މުޅިން އަލަށް ނެގަޓިވް ކެރެކްޓާއަކުން ބެލުންތެރިންނާ ބައްދަލުކުރާނެ ފަހަރަށެވެ. އެކްތާ ޓްވީޓުން ދޭހަވާ ގޮތުގައި ކޮމަލިކާގެ ކެރެކްޓާ އަލުން ވަރަށް އަވަހަށް ސިލްސިލާ އަށް އެނބުރި އަންނާނެ އެވެ.
އެ ރޯލް ކުރިން ކުޅުނީ ހީނާ ޚާނެވެ. ނަމަވެސް ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުން އޭނާ ވަނީ އެ ރޯލް ދޫކޮށްލައިފަ އެވެ. އެހެންވެ ހީނާ ކުޅުނު ކޮމަލިކާގެ ރޯލަށް، "ކަސޯޓީ" ގައި ނިމުމެއް ގެނެސްފައި ވަނީ އޭނާ އުސް އިމާރާތަކުން ވެއްޓި ބޮޑެތި ޒަހަމްތަކެއް ލިބި މަރުވެފައިވާ ކަމަށް ދެއްކުމަށް ފަހު އެވެ.
އާމްނާ ކޮމަލިކާގެ ރޯލުން ފެންނާނީ ޕްލާސްޓިކް ސާޖަރީއަކަށް ފަހު ސިފަ ބަދަލުވެގެން، އެކަމަކު ކޮމަލިކާގެ އަސްލު ސޫރަ ކަމަށްވާ ނުލަފާކަމާއި ބޮޑާކަމާއި ކިބުވެރި ސިފަތަކާ އެކީގަ އެވެ.
ދެހާސް ތޭރައިގައި ކައިވެނިކޮށް މިހާރު 4 އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރި އާމްނާ ސިލްސިލާއަކުން މި ފެންނަނީ ވަރަށް ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
އޭނާ އަކީ މިހާރު މަދުމަދުން ފިލްމުތަކުގެ ސަޕޯޓިންް ރޯލްތަކުން ވެސް ފެންނަ ބަތަލާއެކެވެ. އެގޮތުން އަންނަ އަހަރު ރިލިޒްކުރާ ޖާންވީ ކަޕޫރްގެ ހޮރޯ-ކޮމެޑީން ވެސް އާމްނާ ފެންނާނެ އެވެ.