01 އޮކްޓޯބަރ 2019 - 10:10

އިއްޔެ ޓީޖެޓީގައި ސަރަހައްދުގައި ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އެ ސަރަހައްދުގައި ހިދުމަތް ދިނުން މެދުކަނޑާލައި ހުޅުމާލޭގައި ވަގުތީ ގޮތުން ހިދުމަތް ދޭން ފަށައިިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް އިން ޓީޖެޓީ ސަރަހައްދުގައި ތެޔޮ އަޅައިދިނުން ހުއްޓާލުމުން އުޅަނދުތައް މިއަދުން ފެށިގެން ދާން ޖެހޭނީ ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ޕަމްޕް ސްޓޭޝަނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އިއްޔެ ހަވީރު 3:45 ހާއިރު ޓީޖެޓީގައި އޮތް ލޯންޗެއްގައި ރޯވެ އެ ލޯންޗަށް ތެޔޮ އަޅަމުން ދިޔަ ބައުޒަރެއްގައި ވެސް ވަނީ ރޯވެފަ އެވެ. އެ އަލިފާން ކޮންޓްރޯލް ނުކުރެވި އެ ސަރަހައްދުގައި ހުރި ހަތަރު ބައުޒަރެއްގައި ރޯވި އެވެ. މި ހާދިސާގައި ރޯވި ބައުޒަރުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
މި ހާދިސާގައި ނުވަ މީހަކު ވަނީ ފިހިފަ އެވެ. މީގެ ތެރޭގައި ހަތް ދިވެހިންނާއި ދެ ބިދޭސީން ހިމެނެ އެވެ. މީގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.