02 އޮކްޓޯބަރ 2019 - 14:48

އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ތުރިލާ ފިލްމު "ބައިޕާސް ރޯޑް" ގެ ޓްރެއިލާ ދައްކައިފި އެވެ.
ސިއްރު މަރުތަކެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާތަކެއް ދައްކާ މި ފިލްމަކީ އެކްޓަރު ނީލް ނިތިން މުކޭޝް ސްކްރީންޕްލޭ ލިޔެ، އޭނާ ލީޑް ރޯލް ވެސް ކުޅެފައިވާ ފިލްމެކެވެ. "ބައިޕާސް ރޯޑް" ޑައިރެކްޓްކޮށްފައި ވަނީ ނީލްގެ ކޮއްކޮ ނަމަން ނިތިން މުކޭޝް އެވެ. މިއީ އޭނާގެ އަލަތު ފިލްމެވެ.
މީގެ ކާސްޓުންގެ ތެރޭގައި އަދާ ޝަރުމާ، ޝަމާ ސިކަންދަރު، ގުލް ޕަނަންގް، ރަޖިތު ކަޕޫރް އަދި ސުދާންޝޫ ޕާންޑޭ ހިމެނެ އެވެ.
ބޮލީވުޑްގައި މާ ބޮޑު މަގުބޫލު ކަމެއް މިހާތަނަށް ހޯދިފައި ނުވާ ނީލް އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް މަހު ރިލީޒްކުރި ޕްރަބާސްގެ "ސާހޯ" ގެ ނުބައިބައި ރޯލަކުންނެވެ.
ބަތަލާ ތަނިޝްތާ ޗެޓަޖީ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ރޯމް ރޯމް މޭ" މާދަމާ ފަށާ ބުސާން އިންޓަނެޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ފިލްމު ފެސްޓިވަލްގައި "ރޯމް ރޯމް މޭ" ޕްރިމިއާކުރާނީ "އަ ވިންޑޯ އޮފް އޭޝިއަން ސިނެމާ" ސެކްޝަންގަ އެވެ.
"ބިޔޯންޑް ދަ ކްލައުޑްސް" އާއި "ގުލާބް ގޭންގް" އަދި "ދޭކް އިންޑިއަން ސާކަސް" ފަދަ ފިލްމުތައް ކުޅެފައިވާ ތަނިޝްތާގެ "ރޯމް ރޯމް މޭ" ގެ ކާސްޓުންގެ ތެރޭގައި އޭނާ އާއި ނަވާޒުއްދީން ސިއްދީގީގެ އިތުރުން އީޝާ ތަލްވާރް އަދި ވިނީތު ކުމާރު ހިމެނެ އެވެ.
އެކްޓަރު ދީޕަކް ތިޖޯރީ ޑައިރެކްޓްކުރާ އާ ފިލްމު "ޓިޕްސީ" ގެ ޝޫޓިން ފަށައިފި އެވެ.
އިނގިރޭސިވިލާތުގައި ވަރަށް ބޮޑު ބައި ޝޫޓްކުރާ ފިލްމުގެ ޝޫޓިން މުމްބާއީ ފެށި އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި އީޝާ ގުޕްތާ، ޑެއިޒީ ޝާހް، އަލަންކްރިތާ ސާހީ އަދި ނާޒިއާ ހުސައިން ހިމެނެ އެވެ. "ޓިޕްސީ" ގައި ކިޔައިދޭނީ އެކުގައި އުޅޭ އަންހެނުންތަކެއްގެ މެދުގައި ހިނގާ ކަންތައްގަނޑެއް ދައްކުވައި ދޭނެ ތުރިލާއެކެވެ.
ދީޕަކް ކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ޓޮމް، ޑިކް އެންޑް ހެރީ" އާއި "އޫޕްސް"، "ފޮކްސް" އަދި "ދޯ ލަފްޒޯން ކީ ކަހާނީ" ހިމެނެ އެވެ.
"ޕިޔާރު ކާ ޕަންޗަނާމާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު އަބީޝެކް ޕަތަކް ޑައިރެކްޝަނަށް ނުކުންނަ ފިލްމު "އުޅުތާ ޗަމަން" އަންނަ މަހުގެ 8 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ކޮމެޑީ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަނީ ސިންގް، މާންވީ ގަންގްރޫ، ކަރިޝްމާ ޝަރުމާ އަދި އައިޝްވާރިޔާ ޝުކްލާ ވެސް ހިމެނެ އެވެ.
އަބީޝެކާއި ބައްޕަ ކުމާރު މަންގަތު ޕަތަކް ޕްރޮޑިއުސްކޮށްފައިވާ "އުޖްޅާ ޗަމަން" ގެ ޕޯސްޓަރާއި ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.