01 އޮކްޓޯބަރ 2019 - 08:48

މެންޗެސްޓާ (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީއާ އެކު މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށް އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
މި މެޗުން ޔުނައިޓެޑަށް މޮޅުނުވެވުނުއިރު، އެ ޓީމަށް ސީޒަނުގެ ފުރަތަމަ ހަތް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ލީގުގެ 10 ވަނައިގައި ޔުނައިޓެޑް އޮތްއިރު މިއީ މިދިޔަ 30 އަހަރު ތެރޭ އެ ޓީމުން އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ. ރޭގެ ޕޮއިންޓާ އެކު އާސެނަލް އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޒުވާން މިޑްފީލްޑަރު ސްކޮޓް މޮކްޓޮމިނޭ އެވެ. އޭނާ ޖެހި ބޯޅަ ގޯލުގެ މަތީ ދާގަނޑަށް އަމާޒުވިއިރު، އާސެނަލްގެ ކީޕަރު ބާން ލެނޯ ހުރީ ހަރަކާތް ހުއްޓިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 13 މިނިޓް ތެރޭ ޕިއޭ އެމެރިކް އޮބާމަޔަން ވަނީ އާސެނަލަށް އެއްވަރުކޮށްދީފަ އެވެ. އޮބާމަޔަން މި ލަނޑު ޖެހުމާ އެކު ލައިންސްމަން އޮފްސައިޑް ކަމަށް ދިދަ ނެގި ނަމަވެސް ވީއޭއާރް އިން ބެލިއިރު، އެއީ ރަނގަޅު ލަނޑެއް ކަމަށްވުމުން ރެފްރީ ވަނީ އެ ގޯލު ބަލައިގަންނަން ނިންމައިފަ އެވެ. އެއާ އެކު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނާ ސޯލްޝެއާ ހިތްހަމަނުޖެހުނެވެ.
މެޗުން މޮޅުވާން އާސެނަލްގެ 18 އަހަރުގެ ވިންގް ބުކާޔޯ ސަކާ އަށް މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ޔުނައިޓެޑަށް މެޗުގެ ތިން ޕޮއިންޓް ހޯދައިދޭން މާކަސް ރެޝްފޯޑް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ލެނޯ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
ސޯލްޝެއާ ބުނީ ޔުނައިޓެޑަށް ފަހަކަށް އައިސް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ 1-0 ގައި އޮއްވާ ތަފާތު ބޮޑުކުރަން ލިބޭ ފުރުސަތުގެ ބޭނުން ނުހިފުން ކަމަށާއި އެ ގޮތަށް އެ ކަންތައްތައް ވާނަމަ މިއީ ކުރިއަށްދާން އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
"މިއީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން. މިއީ އެންމެ ގޯސް ނަތީޖާއެއް ވެސް ނޫން. އެކަމަކު ލީގެއްގައި އަހަރެމެން ކުރިއަށްދާނަމަ މީގެ އެބަޖެހޭ ނަތީޖާ ނެރެން. އެ ނޫން ގޮތަކަށް ޓީމު ކުރާ މަސައްކަތުގެ ފައިދާއެއް ނެތް،" ސޯލްޝެއާ ބުންޏެވެ.
އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ ރަށުންބޭރުގައި މީގެ ކުރިން އާސެނަލްގެ ނަތީޖާތައް ދަށް ކަމުގައި ވިޔަސް މިހާރު އެ ޓީމުން އަންނަނީ ކުރިއަރަމުން ކަމަށާއި ޔުނައިޓެޑްގެ ދަނޑުގައި އާސެނަލަށް ޕޮއިންޓެއް ލިބުމަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި މި މެޗު ދިޔަ ގޮތުން އާސެނަލަށް ތިން ޕޮއިންޓް ހޯދަން ވެސް ފުރުސަތު ލިބުނު ކަމަށް އެމެރީ ބުންޏެވެ.
މި މެޗުގެ ނަތީޖާ ދަށްވުމުން ލީގުގައި ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅުނު 28 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. މިއީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ކޯޗަކަށް ހުރެ ނުކުތް 28 މެޗަށް ވުރެ ދެ ޕޮއިންޓް ދަށް އަދަދެކެވެ.