ސިމިއޯނީ އެތުލެޓިކޯ ދޫކޮށްލަނީ؟
ސިމިއޯނީ އެތުލެޓިކޯ ދޫކޮށްލަނީ؟

މެޑްރިޑް (މޭ 30) - ޗެމްޕިއަންސް ލީގުގެ ފައިނަލުން ރެއާލް މެޑްރިޑް އަތުން ބަލިވުމާ އެކު، ކުރިމަގާ މެދު ވިސްނަން ފަށާނެ ކަމަށް އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

ޕެނަލްޓީ ޖަހައިގެން 5-3 އިން އެތުލެޓިކޯ ބަލިވިއިރު އެ ޓީމު ވަނީ މީގެ ދެ އަހަރު ކުރިން ވެސް މި މުބާރާތުގެ ފައިނަލުގައި ރެއާލް އަތުން ބަލިވެފަ އެވެ.

"ދެ ފައިނަލުން ބަލިވުމަކީ ފެއިލްވުމެއް،" ސިމިއޯނީ ބުންޏެވެ.

އެތުލެޓިކޯ އަށް 2014 ވަނަ އަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްދިން ސިމިއޯނީ އިންގްލެންޑުގެ ޗެލްސީއަށް ބަދަލުވާން އުޅޭ ކަމަށް އަޑުފެތުރުނެވެ. އެކަމަކު ޗެލްސީން މިހާރު ވަނީ އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އަށް ކޯޗުކަންދީފަ އެވެ.

އެތުލެޓިކޯއާ 2011 ވަނަ އަހަރު ހަވާލުވެ ސިމިއޯނީ ވަނީ އެ ޓީމަށް ޔުރޮޕާ ލީގާއި ސްޕެނިޝް ކަޕާއި ޔުއެފާ ސުޕަކަޕް އަދި ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްދީފަ އެވެ.

ޗެމްޕިއަންސް ލީގުގެ ނާކާމިޔާބާ އެކު އިސްތިއުފާ ދޭނެތޯ އެހުމުން ސިމިއޯނީ ބުނީ ކުރިމަގާ މެދު ވިސްނަން ޖެހިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ތިއީ އެހުން ހައްގު ސުވާލެއް. ދެ ފައިނަލުން ބަލިވުމަކީ ނާކާމިޔާބުވުމެއް. ބަލިވިޔަސް އަހަރެމެންގެ މަސައްކަތް ކުރިއަށްގެންދަން ޖެހޭ. އެކަމަކު އަހަރެން މިވިސްނަނީ އަހަރެންގެ ދައުރާ މެދު،" ސިމިއޯނީ ބުންޏެވެ.

ސިމިއޯނީ ވަނީ އިޓާލިއަން ލީގަށް ބަދަލުވާން ބޭނުން ކަމަށް ކުރިން ބުނެފަ އެވެ. އޭނާ ކުރިން ކުޅުނު އިންޓައާ ހަވާލުވާން އުޅޭ ކަމަށް ބެލެވުނު ނަމަވެސް އިންޓަގެ ޑިރެކްޓަރު ހަވިއާ ޒަނެއްޓީ ވަނީ އާ ކޯޗެއް ބޭނުންނުވާ ކަމަށް ބުނެފަ އެވެ.