ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރަން އިންޑިއާ ސިފައިންގެ ޗީފާ މަޝްވަރާކޮށްފި
ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރަން އިންޑިއާ ސިފައިންގެ ޗީފާ މަޝްވަރާކޮށްފި

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމާ ގުޅޭގޮތުން، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ބަންޑާރަކޮށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރީ ސިފައިންގެ ޓްރޭނިން އާއި އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމަށް އިންޑިއާ އަސްކަރިއްޔާ އިން ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުންނާއި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ޖޮއިންޓް އެކްސަސައިޒްތައް ބޭއްވުމާއި ޖޮއިންޓް ޓްރޭނިން ޕްރޮގްރާމްތައް ހިންގުމާއި އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފަ" އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރި މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުނާއި އިންޑިއާ އަސްކަރީ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

އިންޑިއާ ސިފައިންގެ ޗީފް، ފަސް ދުވަހުގެ ދަތުރެއްގައި ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުގައި އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ބައެއް ވަޒީރުންނާއި ސިފައިންގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ. އަދި . މާފިލާފުށީގައި ހަދާފައިވާ އެމްއެންޑީއެފް ނޮދާން އޭރިއާ ހެޑްކުއާޓާޒަށް ވެސް އޭނާ ޒިޔާރަތް ކުރައްވާނެ ކަމަށް ބުންޏެވެ.