30 ސެޕްޓެމްބަރ 2019 - 20:46

މިއަދު ހަވީރު ޓީޖެޓީ ސަަރަހައްދުގައި ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ފިހުނު މީހުންގެ ހާލު ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އައިޖީއެމްއެޗަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ފަރުވާ ދެމުން އަންނަ މީހުންގެ ހާލު އޮޅުންފިލުއްވައި އެ މީހުންނަށް އަވަށް ޝިފާ އަކަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
ތެޔޮ އަޅަނިކޮށް ބައުޒަރާއި ލޯންޗުގައި ރޯވެ އަދި އިތުރު ބައުޒަރުތަކެއްގައި ހުޅު ހިފައި ނުވަ މީހަކު ފިހުނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ދެ ބިދޭސީއެކެވެ. މި އެންމެންނަށް ވެސް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
ހަވީރު 3:45 ހާއިރު ރޯވި އަލިފާން 5:00 ހާއިރު ނިއްވާލެވުނު އިރު ރޯވި ވެހިކަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ރޯވި ލޯންޗު ވެސް ވަނީ އަޑިއަށް ގޮސްފަ އެވެ.
އަލިފާން ނިއްވާލިތާ އިރުކޮޅެއް ފަހުން ރައީސް ވަނީ އެ ސަރަހައްދަށް ވަޑައިގެން ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވައި، އަލިފާން ނިއްވުމުގައި ބައިވެރިވި ސިފައިންނާއި ފުލުހުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
މިއީ އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ކަމަށާއި އެކަމަކު ސިފައިންނާއި ފުލުހުންގެ ސަބަބުން ގެއްލުން ކުޑަ ކުރެވުނުކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ނައްތާލަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މީގެ ދެ ހަފުތާ ކުރިން މާލޭގެ ގުދަނެއްގައި ރޯވެ ގެތަކެއް އެނދި ސަރަހައްދަށް ވެސް މިއަދު ޒިޔާރަތްކުރައްވައިފަ އެވެ.