02 އޮކްޓޯބަރ 2019 - 06:57

ބިސް ފުރިފައިވަނީ ޕްރޮޓީން، ވިޓަމިން އަދި މިނަރަލްސްއިންނެވެ. އެއީ ނިއުޓްރިޝަންގެ ބައި އެންމެ ގިނަ އެއް ކާނާގެ ބާވަތެވެ. އަހަރެއްގެ ތެރޭގައި ކޮންމެ މީހަކު އެވްރެޖްކޮށް 150 އާއި 200 ދެމެދުގެ އަދަދަކަށް ބިސް ކަ އެވެ. ދެން އޭގެ ތޮއްޓަށް ވާ ގޮތް އެނގޭ ހެއްޔެވެ؟

ބިހުގެ ތޮށި އުފެދިފައި ވަނީ 96 ފަސެންޓް ކެލްސިއަމް ކާބޮނޭޓް ކްރިސްޓަލްސް އިންނެވެ. މި ހުރިހާ އެއްޗެއް އެކުލަވައި ބަހައްޓަނީ ޕްރޮޓީންގެ އެހީގަ އެވެ. އާންމުގޮތެއްގައި، ބިހުގެ ބޭނުން ހިފާ ނިމުމުން ތޮށިގަނޑު ގިނަ މީހުން ލަނީ ކުނިވަށިގަނޑަށެވެ. އެކަމަކު އެއީ ވަރަށް ގިނަ ބޭނުން ހިފޭ އެއްޗެކެވެ.

ތިރީގައި މި ހިމަނާލަނީ ބިހުގެ ތޮށިން ހިފޭ ބައެއް ބޭނުންތަކާއި އޭގެ ތަފްސީލެވެ.
ބިހުގެ ތޮއްޓަކީ ގަސް ހައްދާފައި ހުންނަ ފަސްގަނޑަށް ކެލްސިއަމް އިތުރުކޮށްލުމަށްޓަކައި ވަރަށް ރަނގަޅު އެއްޗެކެވެ. ކެލްސިއަމަކީ ގަހަށް ދެވަނައަށް އެންމެ މުހިންމު ކާނާ އެވެ. ހާއްސަކޮށް ޓޮމާޓޯ އަދި ޕެޕާ ފަދަ ބާވަތްތައް ހައްދާ ނަމަ ބިހު ތޮށީގެ ފައިދާ ބޮޑެވެ. އެއީ މި ދެ ބާވަތަކީ ވެސް ކެލްސިމް މަދުވެއްޖެ ނަމަ ފަސޭހައިން އަސަރުކުރާ ތަކެއްޗަށް ވުމެވެ. ބިސްތޮށި ބޭނުންކުރުމަށް އެ ކޮންމެހެން ފިސްކޮށް ނުވަތަ ކުދި ކުރާކަށް ވެސް ނުޖެހޭނެ އެވެ. ފަސްގަނޑަށް ނޫނީ ޕޮޓްގައި ހައްދާނަމަ ޕޮޓްތެރެއަށް އަޅައި ކުޑަކޮށް ފަސް އަޅާލަނިކޮށް ނިމުނީ އެވެ.
ފިނިހަކަ ފަދަ ތަކެތީގެ އުދަނގޫ ގަސްތަކަށް ކުރިމަތިވާ ނަމަ ބިހުގެ ތޮށިތައް ކުދިކޮށްލާފައި ގަހުގެ ވަށައިގެން އަޅާށެވެ. އޭރުން މިތަކެތީ އުދަނގޫ ކުޑަވެގެން ދާނެ އެވެ.
ބިހުގެ ތޮއްޓަކީ ފަސްގަނޑަށް ލުމުން އޭގެ ތެރެއަށް ފަސޭހައިން ވީރާނަވެގެންދާ އެއްޗެކެވެ. އަދި ހަމަ މިއާއެކުމެ، އޮށް ފަޅުވަން މިއީ ދެވަނައެއް ނެތް އެއްޗެކެވެ. ބިހުގެ ބޭނުންކުރާއިރު މަތިން ކުޑަ ލޯވަޅެއް ހުންނާނެހެން ތަޅާށެވެ. ދެން އެތެރެ ދޮވެލާފައި ތިރިން ފެން ދެމިގެންދާން އަނެއްކާ ވެސް ކުޑަ ލޯވަޅެއް ހެދުމަށްފަހު އޭގެ ތެރެއަށް ފަސް އެޅުމަށް ފަހު އޮށް އިންދާށެވެ. މިގޮތަށް ބިސްތައް ތައްޔާރުކޮށްފައި ބިސް ޓްރޭއެއްގައި ބަހައްޓާށެވެ. އޮށްތައް ފެޅުމުން ތޮށިގަނޑާއެކު އެހެން ތަންތަނަށް ބަދަލުކޮށް އިންދަންވީ އެވެ.
ބިހުގެ ތޮއްޓަކީ ޒީނަތްތެރިކަމާ ވެސް ގުޅުވިދާނެ އެއްޗެކެވެ. ތޮށިގަނޑު ދޮވެ ވަސް ފިލުވުމަށް ފަހު ގޮތްގޮތަށް ކުލަ ޖައްސައި ޑިޒައިން ކޮށްގެން ގޭގެ ޒީނަތްތެރި ކަމަށް ވެސް ބޭނުންކުރެވިދާނެ އެވެ.