ޕްރެޝަރު ބޮޑުވެ މަހުލޫފް ކޮމިޓީއާ ދުރަށް
ޕްރެޝަރު ބޮޑުވެ މަހުލޫފް ކޮމިޓީއާ ދުރަށް

އެހެން ބައެއް އެސޯސިއޭޝަންތަކުގެ ޕްރެޝަރާ ހެދި، އެފްއޭއެމްގެ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކޮމިޓީން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަކިވެވަޑައިގެންފި އެވެ. އެކަމަކު އޭނާ ތަމްސީލްކުރަން އެހެން މީހަކު އެ ކޮމިޓީއައް ލައްވާނެ އެވެ.

ކޮމިޓީގައި ސްޕޯޓްސް މިނިސްޓަރު މަހުލޫފްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އަދި މި ސަރުކާރުގައި އެކްޓިން ސްޕޯޓްސް މިނިސްޓަރުގެ މަގާމު ފުރުއްވި އަލީ ވަހީދުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދެވެ.

މި ކޮމިޓީގައި ކެބިނެޓްގެ ދެ މެމްބަރުން ހިމެނޭތީ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ގައުމީ ޓީމަށް ލަފާދޭ ކޮމިޓީއެއްގައި މިނިސްޓަރުން ތިއްބެވުމުން ސިޔާސީ ކުލަ ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް ބިކަވެފައި އޮތް ދަނޑިވަޅެއްގައި ގައުމީ ޓީމު ރަނގަޅު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މަހުލޫފު މިއަދު ވިދާޅުވީ ބައްސާމް އޭނާއާ ބައްދަލުކޮށް ކޮމިޓީގައި ބައިވެރިވާން އެދުމުން އެކަމަށް އިޖާބަދެއްވީ ސްޕޯޓްސް މިނިސްޓަރުގެ ހައިސިއްޔަތަށް ވުރެ ބޮޑަށް ގައުމީ ޓީމުގެ ކުރީގެ މެނޭޖަރުކަމަށް ވާތީ އާއި ކުރިން ފުޓްބޯޅަ ކުޅެފައިވާތީ ކަމަށެވެ. އެކަމަކު މި މައްސަލަ މިހާ ބޮޑުވާނެ ކަމަށް އޭރު ހީފުޅުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަދި ބައެއް އެހެން އެސޯސިއޭޝަންތަކުން ވެސް އެކަން ފާހަގަކުރި ކަމަށާއި އެ ބޭފުޅުންނަށް ވިސްނޭ ގޮތުގައި އޭނާ އެޑްވައިޒަރެއްގެ ގޮތުން ވިޔަސް ފުޓްބޯޅައިގެ ކޮމިޓީއެއްގައި ހުރުމުން އެހެން ފުޓްބޯޅައަށް ފޭވާކޮށްދެވިދާނެ ކަމަސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑު ބައްތު (ބައްސާމް) އަށް ދަންނަވައިފިން އަޅުގަނޑު މިހާރު އޭގައި ނީންނާނީއޭ ދެން އެކަމަކު އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑު ރިޕްރެޒެންޓްކުރަން ކޮންމެސް މީހެއް މިނިސްޓްރީގެ ފަރާތުން ވެސް ކޮންމެސް ގޮތަކުން އޭގައި ބައިވެރިވާނެ،" މަހުލޫފު ވިދާޅުވި އެވެ.

އަދި އޭނާ ވަކިވެވަޑައިގަތަސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޮމިޓީގައި މަޑުކުރެއްވުމަށް އެދޭ ކަމަށާއި ސަބަބަކީ އޭނާ އަކީ ފުޓްބޯޅައިގެ ޝައުގު ބޮޑު ބޭފުޅަކަށް ވުން ކަމަށް މަހުލޫފު ވިދާޅުވި އެވެ.