30 ސެޕްޓެމްބަރ 2019 - 15:49

* ހުލާސާ *

ޓީ ޖެޓީ ސަރަހައްދުގައި މިއަދު ހަވީރު ބައުޒަރަކުން ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ހާދިސާ ހިނގީ ޕެޓްރޯލް އަޅަނިކޮށް ލޯންޗުގައި ރޯވެ އެ ހުޅުގަނޑު ބައުޒަރަށް ގޮސް އެތާ ކައިރީ ހުރި އެހެން ބައުޒަރުތަކެއްގައި ރޯވެގެންނެވެ. ހަވީރު 3:45 ހާއިރު ހިނގި މި ހާދިސާގައި ނުވަ މީހަކު ފިހިފައި ވާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ބާއްވައިގެންނެވެ. އައިޖީއެމްއެޗުން ބުނީ ފިހުނު މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީއަކާއި ހަތް ދިވެހިން ކަމަށެވެ.

ފިހުނު މީހުންގެ ގައިގެ އެކި ތަންތަނުން ވަރަށް ބޮޑަށް ފިހިފައި ހުއްޓެވެ.

ރޯވި އަލިފާން، ފަހެއް ޖެހި ފަހުން ނިއްވާލެވުނު އިރު، ރޯވި ލޯންޗު ވަނީ އަޑިއަށް ގޮސްފަ އެވެ. އަދި ރޯވި ބައުޒަރުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

އަލިފާން ނިއްވުމުގައި އުޅުނު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވަނީ މަސައްކަތުގައި އުޅުނު މީހުންގެ ހިތްވަރަށް ސާބަސް ދެއްވާފައި. ރައީސް ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު މީހުން ކުރެއްވީ ބުރަ މުހިންމު މަސައްކަތެއް ކަމަށް.

ރައީސް ގެންދަވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ސިފައިންނާ ވާހަކަ ދައްކަވައި މައުލޫމާތު އޮޅުންފިލުއްވަމުން

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފި. އޭގެ ކުރިން ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު ވެސް ވަޑައިގެންނެވި

ހަވީރު 3:45 ހާއިރު ޓީ ޖެޓީ ސަރަހައްދުގައި ލޯންޗަކަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި އަލިފާން ރޯވެ ލޯންޗާއި ބައުޒަރުގައި ރޯވެ އިތުރު ވެހިކަލްތަކެއްގައި ރޯވި އަލިލފާން ނިއްވާލެވުނީ 5:00 ގެ ފަހުން.

އަލިފާން ރޯވި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އަނދައި މިހާރު ވަނީ އަޑިއަށް ގޮސްފައި.

އަލިފާން އެއްކޮށް ނިއްވާލައިފި. އެންމެ ފަހުން ނުނިވި ހުރި އަލިފާން ނިއްވާލުމަށް ފަހު، އަލިފާން އެއްކޮށް ނިވިއްޖެ ކަމަށް އަތުން އިޝާރާތްކޮށްފި

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން މީހަކު ހައްޔަރުކުރި ކަމަށް ބައެއް މީޑިއާތަކުން ބުންޏަސް އެއީ ދޮގު ވާހަކައެއް ކަމަށް ފުލުހުން ބުނެފި

ރޯވި ހުރިހާ ވެހިކަލަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. ބައުޒަރުތަކުގެ އިތުރުން ޕިކަޕެއްގައި ވެސް ވަނީ ރޯވެފައި

ރޯވި އެއް ބައުޒަރަކީ އެޗްއެމްއެޗްއައި ފިއުލް ސާވިސްގެ އެއްޗެއް. އަލިފާން ނުނިވި އޮތީ އެ ބައުޒަރުގައި އެކަނި

ރޯވި ބައުޒަރުތަކުގެ ތެރެއިން އަދިވެސް އެއް ބައުޒަރުގައި އަލިފާން ނުނިވޭ. އެކަމަކު އަލިފާން ވަނީ ކޮންޓްރޯލް ވެފައި

އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ އުކުޅަހު ލޯންޗެއްގައި ކަމަށާއި ރޯވީ އެ ލޯންޗަށް ތެޔޮ އެޅުމުގެ ތެރޭގައި ރޯވެ އެހެން ބައުޒަރުތަކުގައި ވެސް ރޯވީ ކަމަށް މަންޒަރު ދުށް މީހުން ބުނި
މަންޒަރު ދުށް ކަމަށް ބުނާ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަލިފާން ރޯވީ ބައުޒަރުން ލޯންޗަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ބައުޒަރުގެ ހޮޅީގައި. އަލިފާން ރޯވީ ތެޔޮ އެޅި ތަނުގައި ސިނގިރެޓް ބުއިމުން ކަމަށް ވެސް ބުނި
ރޯވި ބައުޒަރުތަކުގެ ތެރެއިން މިހާރު އަލިފާން ނުނިވި އޮތީ އެންމެ ބައުޒަރެއްގައި.
މިހާތަނަށް ހަތް މީހަކު ފިހިގެން އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައި. އެއީ ބިދޭސީއަކާއި ހަ ދިވެހިން.
މީގެ 15 ވަރަކަށް އަހަރު ކުރިން ވެސް، ޓީ ޖެޓީ ސަރަހައްދުގައި އަލިފާނުގެ ވަރަށް ބޮޑު ހާދިސާއެއް ހިނގި. އެފަހަރު ވެސް އަލިފާން ރޯވީ ތެޔޮ އެޅުމުގެ ތެރޭގައި. އެ ހާދިސާގައި ބޯޓަކާއި އިތުރު އުޅަނދުތަކެއް އަނދާ ހުލިވެ، އެކަކު މަރުވި.
އަލިފާން ރޯވި ސީދާ ސަބަބު އަދި ނޭނގުނަސް، މާލޭގެ އެންމެ ބިޒީ ބަނދަރު ސަރަހައްދުގައި ބައުޒަރުތައް އުޅަނދުފަހަރާ ކައިރިކޮށްގެން ތެޔޮ އެޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް، ކުރިންސުރެ ވެސް ދަނީ އާންމުން ވާހަކަ ދައްކަމުން. އެކަމަކު އެއިން އެއްވެސް ކަމަކަށް ރަނގަޅު ހައްލެއް ނުލިބި، އަދިވެސް އުޅަނދުފަހަރަށް ކޮންމެ ހިސާބަކުން ވެސް ތެޔޮ އަޅާ މަންޒަރު ފެނޭ.
އަލިފާނުގެ ހާދިސާއާ އެކު ބަނދަރުން އުޅަނދުފަހަރު ދުރުކުރަން ފަޅުވެރިން ވަރަށް އަވަސް ފިޔަވަޅުތަކެއް އެޅި. އަދި އާންމުން ވަނީ އެއްގަމު އުޅަނދުތައް އެ ސަރަހައްދުން ދުރަށް ގެންދަން މަސައްކަތްކޮށްފައި. ހާދިސާގައި ހިނގި ސަރަހައްދުން ވަރަށް އަވަހަށް އުޅަނދު ފަހަރު ދުރަށް ގެންގޮސް، ބަނދަރު ވަރަށް ބޮޑަށް ހުސްކުރި.
މިހާތަނަށް ލިބުނު މައުލޫމާތުތަކުން ލަފާކުރެވެނީ ތެޔޮ އަޅަން އޮތް ބައުޒަރެއްގައި ރޯވި ކަމަށް. އެކަމަކު ފުރަތަމަ ފެތުރުނު ހަބަރުތަކުގައި ފެންނަނީ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެފައި އޮތް ތަން. އެހެންކަމުން ލޯންޗު ދުރުކުރީ ތެޔޮ އެޅުމުގައި ރޯވެގެން ކަމަށް ވުން އެކަށީގެންވޭ. އެކަމަކު ސީދާ ސަބަބާ ބެހޭ ގޮތުން ސައްހަ އެއްވެސް މައުލޫމާތެއް ކަމާ ބެހޭ ފަރާތްތަކުންނާއި މަންޒަރު ދުށް މީހުންގެ ފަރާތަކުން އަދި ނުލިބޭ.
ލޯންޗުގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލް ވެފައި އެކަމަކު. ތެޔޮ ބައުޒަރުތަކުގައި ރޯވި އަލިފާން ކޮންޓްރޯލެއް ނުވެ އަދިވެސް ދަނީ ގަދަޔަށް އަނދަމުން
ފޯކްލިފްޓް ބޭނުންކޮށްގެން ބައެއް ކާރުތައް ދުރަށް ޖެއްސުމުގެ މަސައްކަތް ވެސް އެބަ ކުރޭ.
ފުލުހުން ބުނީ ރޯވީ ތިން ވެހިކަލެއްގައި ކަމަށް. އެތަނުގައި ހުރި އެހެން ވެހިކަލްތައް ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން.
އަލިފާނުގެ މި ހާދިސާ ވެރިރަށަށް މި ކުރިމަތިވީ މީގެ 10 ދުވަަސް ކުރިން ހެންވޭރުގައި ނުރައްކާތެރި އަދި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނިކޮށް. ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ފުރަތަމަ ރޯވި އަލިފާނުގައި ހަތް ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. އަދި ނުކުމެވޭނެ ގޮތެއް ނެތިގެން އަންހެނަކު ވަނީ މަރުވެފައި. އޭގެ އިތުރުން 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު.
އަލިފާނުގެ ހާދިސާގައި ފިހުނު ފަސް މީހަކު އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައި. އޭގެ ތެރެއިން އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް ފުލުހުން ބުނެފި
މިއީ ތެޔޮ އުފުލާ ވަރަށް ގިނަ ވެހިކަލްތައް ހުންނަ ސަރަހައްދެއް. އަދި ފަޅު ތެރޭގައި ވެސް ވަރަށް ގިނަ އުޅަނދުތައް މިހާރުވެސް އެބަހުރި
އަލިފާނުގެ މި ހާދިސާ ހިނގައިގެން މި އުޅެނީ ރާއްޖޭގެ އެންމެ ބިޒީ އެއް ބަނދަރު ސަރަހައްދުގައި. މުދާ އުފުލާ ދޯނިފަހަރާއި ދަތުރުދަތުރުކުރާ ލޯންޗު ފަހަރުގެ އިތުރުން ތެޔޮ އަރުވާ ބައުޒަރުތައް ވެސް ވަރަށް ގިނައިން ބޭނުންކުރާ ސަރަހައްދެއް.
އަލިފާން ރޯވި އެއް ތަނަކީ އެމްއެންޑީއެފްގެ ފަޔަ ސްޓޭޝަނާ ވަރަށް ކައިރީގައި.
ސިފައިންނާއި ފުލުހުން ދަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ވެހިކަލްތަކާއި އުޅަނދުތައް ދުރަަށް ޖައްސަން މަސައްކަތްކުރަމުން
އެކެއްގެ ފައި ފިހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވަނީ އެނގިފައި.
ޓީޖެޓީ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި ދެންމެ ރޯވެ އަނދަމުން އެބަދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލޯންޗެއްގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ރޯވެފައި ވަނީ މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ވެމްކޯ އޮފީސް ކައިރީގައި އަޅާފައިވާ ލޯންޗެއްގައި ކަމަށް ވެ އެވެ. އެހެންވެ، ވެމްކޯގެ އޮފީހުން މީހުން މިހާރު ވަނީ ހުސްކޮށްފަ އެވެ.