30 ސެޕްޓެމްބަރ 2019 - 17:31

އަނބިމީހާ އާއި ދަރިންނާއި އިއްދައިގައި އިންނަ އަންހެނާ އަށް ޝަރުއީ ހަމަތަކުގެ މަތިން ދޭ ޚަރަދުގެ މިންވަރު ބޮޑުކުރުމަށާއި ކައިވެނިކުރަން ވަކި އޮފީހެއް ހަދާ ގޮތަށް އާއިލީ އަދުލުގެ ނިޒާމަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ޒަމާނީ އޮނިގަނޑެއް ބޭނުންވާ އާއިލީ އަދުލުގެ ނިޒާމަށް މި ބަދަލު ގެންނަން ހުށަހެޅީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގަ އެވެ. މި އިސްލާހު ހުށަހެޅީ އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކުރަން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ފެމިލީ ކޯޓާއި ޔުނިސެފް އަދި ޖުޑީޝަލް އެކަޑަމީ ގުޅިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ސިމްފޯޒިއަމްގައި ފެމިލީ ކޯޓްގެ ފަނޑިޔާރުންނާއި ރަށްރަށުގެ ކޯޓްތަކުގެ މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވަ އެވެ. ސިމްފޯޒިއަމްގައި ރާއްޖެއިން ބޭރުގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ އިރު ބަންގްލަދޭޝްގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި ތުރުކީގެ ފަނޑިޔާރެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މިހާރު ކައިވެނި ކޮށްދެނީ ކޯޓުތަކުންނެވެ. އޭގެ ބަދަލުގައި، ސަރުކާރުން ހުށަހެޅީ ކައިވެނި ރަޖިސްޓްރީ ކުރަން "ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް" ނަމުގައި އިދާރާއެއް އުފެއްދުމަށެވެ. ކައިވެނި ކުރުމުގެ ހުއްދަ ދޫކުރުމާއި ރަޖިސްޓްރީ ބަލަހައްޓަން ވެސް ޖެހެނީ އެ އޮފީހުންނެވެ.
ކައިވެނީގެ ރަޖިސްޓްރާގެ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމަނަން ވެސް ހުށަހަޅާފައިވެ އެވެ. އޭރުން މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ވެސް ކައިވެނިކުރުމުގެ ޚިދުމަތް ފަސޭހަވާނެ ކަން އޭޖީ އޮފީހުން ފާހަގަކުރި އެވެ.
ދަރިންގެ ޚަރަދުގެ ގޮތުގައި ކުރިން ދައުލަތުން ނަގައިދެނީ 400ރ. އެވެ. އެ އަދަދު 2000ރ. އަށް ބޮޑުކުރީ 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.
އޭޖީ އޮފީހުން ބުނިގޮތުގައި ޚަރަދުގެ މިންވަރު ބޮޑުކުރަން އިސްލާހު ހުށަހެޅީ ޝަރީއަތުން ނަގައިދެވޭ ޚަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައި ޚަރަދު ލެއްވުމާއި ޚަރަދު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ހަރުދަނާ ކުރާށެވެ.
ހަޟާނާތު ހަރަދާ ގުޅޭ މައްސަލަތައް އެއް ދައުވާ ފޯމަކުން ހުށަހަޅައި އެއް މައްސަލައެއްގެ ތެރެއިން އެކަންކަމަށް ހައްލު ހޯދޭނެ އިންތިޒާމެއް ހަމަޖެއްސުން ވެސް ހުށަހެޅި އިސްލާހުގެ ތެރޭގައި ހިމެނެ އެވެ. އެއް ބާވަތުގެ މައްސަަލަތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން ހަރަދު ހަމަޖައްސައި ދިނުމުގެ މައްސަލަ ދިގުލައި އެކަމުގެ ސަބަބުން ބައެއް ކުޑަކުދިންގެ ހައްގަށް އުނިކަން އަންނަ ފަދަ ހާލަތްތައް މެދުވެރިވާ ކަން ފާހަގަކޮށްފައިވެ އެވެ.
"ކުއްޖާގެ ހަޟާނަތު ނިގުޅައިގެންފި ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް އަވަސް މުއްދަތެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެ އެވެ،" އޭޖީ އޮފީހުން ބުންޏެވެ.