ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ ޑިސެމްބަރު މަހުގެ 13 ގައި ރިލީޒްކުރާ، ރާނީ މުކަރްޖީގެ އާ ފިލްމު "މަރުދާނީ 2" ގެ ޓީޒާއެއް ދައްލާކައިފި އެވެ.

މި ފިލްމަކީ އޭނާ 2014 ވަނަ އަހަރު ކުޅުނު "މަރުދާނީ" ގެ ދެވަނަ ބައެވެ. ފުލުހެއްގެ ރޯލުން ރާނީ ފެނިގެންދާ ފިލްމު މި ފަހަރު ޑައިރެކްޓްކޮށްފައި ވަނީ ފުރަތަމަ ބައި ލިޔުނު ގޯޕީ ޕުތުރާނެވެ.

ކުށުގެ ވެށި ހަމަބިމަށް ތިރިކުރަން ރާނީ ފުލުހެއްގެ ގޮތުގައި ކުރާ ހިތްވަރު ގަދަ މަސައްކަތްތައް ފެނިގެންދާ "މަރުދާނީ 2" ގެ ކާސްޓުންގެ ތެރޭގައި ވިކްރަމް ސިންގް ޗޯހަން، ޝުރޫތީ ބަޕްނާ، ރާޖޭޝް ޝަރުމާ އަދި ސުދާންޝޫ ޕާންޑޭ ހިމެނެ އެވެ.

މި ފިލްމަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ހިޗްކީ" އަށް ފަހު، ރާނީ ފެނިގެންދާ ފުރަތަމަ ފިލްމެވެ.

"ރޭސް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ އަންހެން ދަރިފުޅު ސްނޭހާ ތައުރާނީ ޑައިރެކްޝަނަށް ނުކުންނަ ފިލްމު "ބަންގްރާ ޕާލޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ނެށުންތަކެއް ދައްކުވައިދޭ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ޕްރިޔާ ޕިލްގާއޯންކަރެވެ. ފްރެންޗައިޒެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ "ބަންގްރާ ޕާލޭ" ޕްރޮޑިއުސްކޮށްފައި ވަނީ ރޯނީ ސްކްރޫވާލާ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 1 ގަ އެވެ.

ފަރްހާން އަޚްތަރު ބޮކްސިންތެޅުންތެރިއެއްގެ ރޯލުން ފެނިގެންދާ ފިލްމު "ތޫފާން" އަންނަ އަހަރުގެ އޮކްޓޯބަރު 2 ގައި ރިލީޒްކުރަން ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

އެ ތާރީހުގައި ފިލްމު ރިލީޒްކުރަން ނިންމި އިރު، އެއީ ޖޯން އަބަރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2" ވެސް ރިލީޒްކުރަން އޮތް ތާރީހެވެ.

އޮގަސްޓް މަހުން ފެށިގެން ޝޫޓިން ކުރިއަށްދާ "ތޫފާން" އަކީ 2013 ގައި ފަރްހާނަށް އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާ ހަދާ ފިލްމެކެވެ.

"ތޫފާން" އިން ފަރްހާނާ އެކު ފެނިގެންދާ ތަރިންގެ ތެރޭގައި ޕަރޭޝް ރާވަލް، މުރްނާލް ތާކޫރް، އީޝާ ތަލްވާރް، ދަރުޝަން ކުމާރު އަދި ސުޕްރިޔާ ޕަތަކް ހިމެނެ އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ މައިގަނޑު ކާސްޓް އެއްކޮށް ފެނިގެންދާ ލަވައިގެ ނަމަކީ "އޭކް ޗުއްމާ" އެވެ. މި ލަވައިގެ މިއުޒިކް ސުހައިލް ސެން ހަދާފައިވާ އިރު ލަވަ ކިޔާފައި ވަނީ ސުހައިލް، އަލްތަމަޝް ފަރީދީ އަދި ޖިއޯތިކާ ތަންގްރީ އެވެ،

ފަރާ ޚާން ކޮރިއޯ ހަދާފައިވާ ލަވައިގެ މަންޒަރުތައް އިނގިރޭސިވިލާތުގައި ނަގާފައިވާ އިރު، ލަވައިން ފެނިގެން ދަނީ އަކްޝޭ ކުމާރު، ކްރިތީ ސެނަން، ބޮބީ ޑިއޯލް، ކްރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް އަދި ޕޫޖާ ހެގްޅޭ އެވެ.

"ހައުސްފުލް 4" އަކީ ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.