30 ސެޕްޓެމްބަރ 2019 - 13:49

ސިއްހީ ޚިދުމަތަށް އިންގިލާބީ ބަދަލެއް ގެންނަން އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވުމާއި ކުރީ ސަރުކާރުން ދިން ނަން ބަދަލުކުރުމަކީ އަވަށްޓެރި ގައުމެއްގެ ނުފޫޒާ ހެދި ބިރުން ކުރި ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވައި އިދިކޮޅު ޕީއެންސީ އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ސިފަކުރާ ގޮތުގައި އެމަނިކުފާނުގެ ތަރައްގީގެ ރަމްޒެވެ. އެކަމަކު، އެ ހޮސްޕިޓަލަށް ކުރި ޚަރަދު ބޮޑުކަމުން މި ސަރުކާރުގެ އިސް ވެރިން ދެކެނީ، އެއީ ކުރީގެ ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ބިނާގެ ގޮތުގަ އެވެ.
މި ދެބަސްވުން އޮތަސް ޕީޕީއެމުން އުއްމީދުކުރީ ތާރީޚީ އިމާރާތް ރަސްމީކޮށް ހުޅުވަން ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ. އެކަމަކު އައިޖީއެމްއެޗުން މީޑިއާތަކަށް އިއްޔެ ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ގިނަ ޚިދުމަތްތަކެއް މިހާރު ބަދަލުކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ނުޙުޅުވާނެ ކަމަށެވެ. ކުރީގެ ސަރުކާރުން އެތަނަށް ދަރުމަވަންތަ ހޮސްޕިޓަލް ކީ ނަމަވެސް މިހާރުގެ ނަމަކީ ދަރުމަވަންތަ ކޮމްޕްލެސް އެވެ. އެތަން ބޭނުންކުރަން ނިންމާފައި އޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބައެއްގެ ގޮތުގަ އެވެ.
މިކަމާ ހެދި ސަރުކާރަށް ނުރުހުން އަމާޒުކޮށް ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ އެ ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މި ސަރުކާރުގެ އިސް ވެރިން ދައްކަވާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އެހެންވެ ހޮސްޕިޓަލް ހުޅުވަން ނުކެރުނީ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ހުޅުވަން ބާއްވާ ޖަލްސާގައި ކީކޭ ކިޔާނީ؟ އެހެންވެ ބަހަނާ ދައްކަނީ،" އަދުރޭ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ ބައެކޭ ކިއުމުގެ ބަދަލުގައި އެއީ އަވަށްޓެރި ގައުމެއްގެ ބައެކޭ ބުނި ނަމަ މާ ރަނގަޅުވީސް ނޫންތޯ އަދުރޭ ވަނީ ސުވާލު ކުރައްވައިފަ އެވެ. ވަކި ގައުމެއްގެ ނަން ވިދާޅު ނުވި ނަމަވެސް އޭނާގެ ފާޑުވިދާޅުވުން އަމާޒުކުރެއްވީ ރާއްޖެ އާއި އިންޑިއާ ދެމެދު ބަދަހިވެފައިވާ ގާތް ގުޅުމަށް ކަމަށް ބެލެވެ އެވެ.
މި ވެރިކަން ފެށުމާ އެކު އިންޑިއާގެ ނުފޫޒު ރާއްޖެ އަށް ފޯރުވައި އަޅުވެތިކުރަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރެ އެވެ. ކުރީ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯހެވެ. އައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުން އިމާރާތް ކުރި ތަނެކެެވެ. އެތަނުގެ މަރާމާތު ލަސްވުމާއި އެއްބަސްވި ބައެއް ވަސީލަތްތައް ފޯރުކޮށްނުދީ ލަސްވި މައްސަލައިގައި ކުރީ ސަރުކާރުގެ ފާޑުކިއުން ވެސް އަމާޒުވި އެވެ.
ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް އެޅީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ހަވާލުކޮށްގެން 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށެވެ. މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އިމާރާތް ކުރުމުގެ ދާއިރާގެ މީހުން ދެކެ އެވެ. އެއަށް ރައްދު ދީ، ޔާމީންގެ ސަރުކާރުން ބުނެފައި ވަނީ، މުހިއްމީ ހޮސްޕިޓަލް އަވަހަށް ނިންމައި ޚިދުމަތް ދިނުން ކަމަށެވެ.