ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާގެ ކުރު ފިލްމުގެ ޓީޒާއެއް
ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާގެ ކުރު ފިލްމުގެ ޓީޒާއެއް

ޝާހްރުކް ޚާން އަންހެން ދަރިފުޅު ސުހާނާ ޚާން އެކްޓިން އަށް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ތިބި މީހުން ބައިވަރެވެ. އެމެރިކާގައި މިހާރު މަތީ ތައުލީމަށް ކިޔަވަމުން އަންނަ ސުހާނާގެ އެކްޓިން ފެނުނު މީހެއްގެ ހައިސިއްޔަތުން މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީ މީގެ ކުރިން ވާހަކަ ދައްކައި، ތައުރީފު ވެސްކޮށްފައިވެ އެވެ.

ބޮލީވުޑަށް ސުހާނާ ނުކުންނާނެ އިރެއް ނޭނގުނަސް އޭނާގެ ކުރު ފިލްމެއްގެ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ދުވަސްކޮޅެއްޖެ އެވެ. "ދަ ގްރޭ ޕާޓް އޮފް ބްލޫ" ގެ ނަމުގައި ހަދާފައިވާ ފިލްމުގެ ޕޯސްޓަރެއް ވެސް މި ފަހުން ސޯޝަލް މީޑިއާގައި ވަރަށް ގަދައަށް ދައުރުވެފައިވެ އެެވެ.

މިހާރު މިއޮތީ އެ ފިލްމުގެ ކުޑަކުޑަ ޓީޒާއެކެވެ. އޭގައި ފެންނަނީ ދުއްވަމުންދާ ކާރެއްގެ ތެރޭގައި ސުހާނާ އާއި ޒުވާން ފިރިހެނަކު ތިއްބަ އެވެ. އެއިން އިތުރުކަމެއް ވާ ތަނެއް ނުފެނެ އެވެ. އެހެންވެ މިއީ ކޮން ކަހަލަ ފިލްމެއް ކަމެއް ވެސް އަދި ނޭނގެ އެވެ.

"ދަ ގްރޭ ޕާޓް އޮފް ބްލޫ" ލިޔެ، ޑައިރެކްޓްކުރި ތިއެޑޯ ޖިމެނޯ އޭގެ ޓީޒާ އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނީ ފިލްމުގެ މަސައްކަތް މިހާރު އޮތީ އެއްކޮށް ނިމިފައި ކަމަށެވެ. އެކަމަކު އެ ރިލީޒްކުރާނެ އިރެއް ބުނަން ނޭނގޭ ކަމަށް ބުންޏެވެ.

ދާދި އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ސުޙާނާ އެކްޓިން އަށް ނުކުންނާނީ ކިޔަވައި ނިމުމުން އަދި ގާތްގަނޑަކަށް މަދުވެގެން 4 އަހަރު ފަހުން ކަމަށް ބެލެވެ އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރަކީ ސުހާނާ، 19، ބޮލީވުޑަށް ނެރެން ފޫގަޅައިގެން ހުރި މީހެކެވެ. އޭނާއަކީ ސުހާނާގެ ބައްޕަ ޝާހްރުކްގެ އެންމެ ގާތް އެއް އެކުވެރިޔާ އެވެ.