30 ސެޕްޓެމްބަރ 2019 - 11:15

ސަންއާ (ސެޕްޓެމްބަރު 30) - ސައުދީ ސިފައިންނަށް ހަމަލާދީ އެތައް ބަޔަކު މަރައި އަދި އަނެއް ބަޔަކު ރަހީނު ކުރާ ވީޑިއޯ ޔަމަނުގެ ހޫތީން އާއްމުކޮށްފި އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާން ޔަހުޔާ ސާރީ ބުނީ ހަމަލާގައި ސައުދީ ސިފައިންގެ 500 މީހުން މަރު ނުވަތަ ޒަޚަމްވެފައިވާ ކަމަށެވެ. އަދި އެތައް ހާސްބަޔަކު އަމާން ދިން އިރު އަނެއް ބަޔަކު ރަހީންކުރި ކަމަށް ބުނެފައިވެ އެވެ. އޭނާ ބުނީ ސައުދީ ބޯޑަ ޕްރޮވިންސް ނަޖްރާން އަށް ދިނީ "ވަރުގަދަ ހަމަލާތަކެއް" ކަމަށެވެ.
"ސަލާމަތްވާން އުޅުނު ނުވަތަ އަމާންދޭން އުޅުނު މީހުންނަށް މިސައިލާއި ޑްރޯނުން ހަމަލާދީ 200 މީހުން ވަނީ މަރާލާފައި،" ސާރީ ބުންޏެވެ.
ހަމަލާދީފައި ވަނީ ނަޖްރާންގެ ދެކުނުގެ ސަރަހައްދުގަ އެވެ.
ހޫތީން ބުނާ ވަރުގަދަ ހަމަލާއާ ގުޅޭ ގޮތުން ސައުދީ އަރަބިއާ އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސާރީ ބުނީ ހޫތީންގެ ވަރުގަދަ ހަމަލާގައި "ދުޝްމަނުންގެ އަސްކަރީ ތިން ބްރިގޭޑް" ބަލިކޮށްލާފައިވާ ކަމަށެވެ. އަދި އެތައް ހާސް ސިފައިން ރަހީނުކުރި އިރު އޭގެ ތެރޭގައި ސައުދީ ސިފައިންގެ އޮފިސަރުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ބުނީ ރަހީނުންނާ މެދު ކަންތައް ކުރާނީ ހަނގުރާމައިގެ ކުށްވެރިންނާ އެއްގޮތަށް ކަމަށެވެ.
ހޫތީން އާއްމު ކުރި ވީޑިއޯގައި ގިނަ އަދަދެއްގެ ހަތިޔާރު ފެންނަން ހުއްޓެވެ. ހޫތީން ބުނީ އެއީ ސައުދީ ސިފައިންގެ އަތުން އަތުލި އެއްޗެހި ކަމަށެވެ. ސައުދީ ޔުނިފޯމުގައި ތިބި މީހުންގެ ހަށިގަނޑުތައް ވެސް ދައްކާފައިވެ އެވެ.
ސެޕްޓެމްބަރު 20 ވަނަ ދުވަހު ހޫތީން ވަނީ ސައުދީ އަށް ދޭ ޑްރޯން ހަމަލާތައް ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. ހަމަލާތައް ހުއްޓާލިކަން އިއުލާންކުރުމުގެ ކުރިން ހޫތީން ވަނީ ސައުދީގެ ދެ ތެޔޮ ޕްލާންޓަކަށް ޑްރޯން ހަމަލާދީ އެ ތަންތަނުގެ އޮޕަރޭޝަންތައް ހުއްޓުވައިފަ އެވެ.