ބަންސާލީގެ އާ ފިލްމުގައި އާލިއާއާ އެކު ކާތިކް
ބަންސާލީގެ އާ ފިލްމުގައި އާލިއާއާ އެކު ކާތިކް

އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ކަމަށް ބުނާ ފިލްމު "ގަންގްބާއީ" ގެ ބަތަލުގެ ރޯލުން ފެންނާނީ ކާތިކް އާރިޔަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބަންސާލީގެ އާ ފިލްމުގައި އާލިއާއާ އެކު ކާތިކް
ބަންސާލީގެ އާ ފިލްމުގައި އާލިއާއާ އެކު ކާތިކް

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން އެކްޓަރު ވަނީ ފިލްމާ ގުޅޭ ގޮތުން ބަންސާލީއާ އެކު ދާދި ފަހުން ގިނަ ބައްދަލުވުންތަކެއް ވެސް ބާއްވައިފަ އެވެ. "ގަންގްބާއީ" ގެ ޝޫޓިން މި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާތީ ފިލްމުގެ ތައްޔާރީތައް ވަރަށް ބާރަށް މިހާރު ކުރިއަށްދާ ކަމަށް އެ ނޫހުން ބުންޏެވެ.

ނަމަވެސް ސަލްމާން ޚާނާއި އާލިއާއާ އެކު ބަންސާލީ ހަދަން ނިންމި ފިލްމު "އިންޝާﷲ" ގެ މަސައްކަތް ހުއްޓައިލުމަށް ފަހު، ބަންސާލީ ދެން ގެނެސްދޭނެ ފިލްމަކާ ބެހޭ ގޮތުންް އޭނާ މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އޭނާގެ އާ ފިލްމު މި މަހު އިއުލާންކުރާނެ އެވެ. އަދި އެ ފިލްމުގެ ބަތަލާއަކީ އާލިއާކަން ކަށަވަރު ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބަންސާލީގެ އާ ފިލްމުން އާލިއާއާ އެކު ކާތިކް ފެނުންވެގެން ދާނީ މުޅިން އާ ޖޯޑެއް ސްކްރީނުން ބަލައިލަން ބެލުންތެރިންނަށް ލިބޭނެ ފުރުސަތަކަށެވެ. މި ދެ ތަރިން އަދި އެކީގައި އެއްވެސް ފިލްމެއްގައި މަސައްކަތްނުކުރާތީ، މިއީ ސްކްރީނުން ދެކިލަން ވަރަށް ޝައުގުވެރި ޖޯޑަކަށް ވެސް ވާނެ އެވެ.

"ގަންގްބާއީ" އަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރެއް ކަމަށްވާ ގަންގްބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އޭނާގެ ވާހަކަ ބަންސާލީ ސްކްރީނަށް ގެންނަނީ އިންޑިއާގެ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ" ގައި ގަންގްބާއީއާ ބެހޭ ގޮތުން ގެނެސްދީފައިވާ ބާބަށް ބިނާކޮށް ކަމަށްވެ އެވެ.