އަޅުގަނޑުމެންނަށް ދެއްވާފައި ވަނީ އިލްމުގެ ކުޑަ މިންވަރެއް
އަޅުގަނޑުމެންނަށް ދެއްވާފައި ވަނީ އިލްމުގެ ކުޑަ މިންވަރެއް

އެކި ކަންތައްތަކާ ބެހޭ ގޮތުން އަޅުގަނޑުމެން ވިސްނާއިރު، ނުވަތަ އެހެން މީސްމީހުންނާ ޚިޔާލު ބަދަލުކުރާއިރު، ނުވަތަ ބަހުސް ކުރާއިރު، ހަމަބުއްދި އަށް ފެންނަން ހުންނަ ބޮޑެތި ޙަޤީޤަތްތައް ޤަބޫލުކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ، އަޅުގަނޑުމެން ވާހަކަ ދައްކަން ފަށާއިރަށް، އެ ދެއްކެނީ އޮށްޓަރެއް ނެތް މޮޔަ ވާހަކައެއްކަން ހާމަވެގެން ހިނގައިދާނެ އެވެ. މިސާލަކަށް ރޯމާ ދުވާލު މިއީ ކަޅު އަނދިރި ރޭގަނޑެކޭ ކިޔައިގެން ވާހަކަ ދައްކަން ފަށައިފި ނަމަ، އެ ވާހަކަ އަޑުއަހާނެ މީހަކު ނުހުންނާނެ އެވެ.

އެއްވެސް ކަމަކާ މެދު ވިސްނާއިރު، އިސްކަންދޭން ޖެހޭ އެންމެ ބޮޑު ޙަޤީޤަތަކީ، މުޅި ކައުނު ހެއްދެވީ، އަދި މި ކައުނުގައި ހިނގާ ކޮންމެ ކަމެއް ތަދުބީރު ކުރައްވައި މިންވަރު ކުރައްވާ ފަރާތަކީ، އަރަހުށި ހުސް ޠާހިރުވަންތަ މާތް ﷲ ކަމެވެ. އެހެން ހުރިހާ މަޚްލޫޤުންނަކީ، ﷲ ގެ ހަޒުރަތުގައި އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި ބަޔެއް ކަމެވެ. އިންސާނުންނަށް އެނގޭ ކޮންމެ އެއްޗެއް އެނގެނީ، މާތް ﷲ އެ އެއްޗެއް އިންސާނުންނަށް އުނގަންނަވައި ދެއްވީމާ ކަމެވެ. އަދި އަޅުގަނޑުމެންނަށް ކިތަންމެ އެއްޗެއް އެނގޭ ކަމަށް ހިތަށް އެރިޔަސް، އަދި އެކަމުގެ ފަޚްރުވެރިކަމުގައި އަޑަށް ލެވެން އޮތްހައި ބާރެއްލާފައި އެއްޗެއް ބުނި ނަމަވެސް، ނުވަތަ ލިޔުނު ނަމަވެސް، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެނގެނީ، ވަރަށް މަދު އެއްޗެކެވެ. މިއީ، އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. މާތް ﷲ ގެ ޙައްޤު ކަލާމްފުޅެވެ. الإسراء ސޫރަތުގެ 85 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. [ޢިލްމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް މެނުވީ ތިޔަބައި މީހުންނަށް ދެއްވާފައެއް ނުވެ އެވެ.]

މިކަން މިހާ ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތްއިރު، ތިމަންނާ މި ބުނަނީ ދީނުގައި ހަމަ ކަން އޮތް ގޮތަށް ކަމަށް، އަދި މިއާ ޚިލާފަށް ބުނާ މީހަކު އެ ބުނަނީ ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށް ބުނުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ނޯންނާނެ އެވެ. އަޅުގަނޑު ވެސް ޤަބޫލުކުރަމެވެ. އެ މީހަކަށް ފެންނަ އެއްޗެއް ބުނުމުގެ ފުރިހަމަ އިޚްތިޔާރު އެ މީހަކަށް އޮންނާނެ އެވެ. އެހެން ނަމަވެސް، ހައްގު ބަސް އެ ބުނަނީ ހަމައެކަނި އޭނާ ކަމަށާއި، އެހެން މީހުން އެދައްކަނީ ދޮގު ވާހަކަ ކަމަށް ސާބިތު ހެކިތަކެއް ނެތި ބުނުމުގެ އެއްވެސް ހައްގެއް ނުވަތަ އިޚްތިޔާރެއް އެއްވެސް މީހަކަށް ނޯންނާނެ އެވެ. ދީނުގެ ކަމެއްގައި ނަމަ، އެ މީހަކު އެ ބުނާ އެއްޗެއް ކީރިތި ޤުރްއާނުން، ނުވަތަ މާތް ރަސޫލާގެ ޞައްޙަ ސުންނަތުން ސާބިތުކޮށްދޭން ޖެހޭނެ އެވެ. ސާބިތުކޮށް ނުދެވޭ ނަމަ، އެހެން މީހުން ކޮންމެހެން އެ ވާހަކަ ޤަބޫލުކުރާކަށެއް ނުޖެހޭނެ އެވެ.
ދީނީ ކަމެއްގައި، ހުރިހާ އިލްމުވެރިން ވިދާޅުވަނީ، ނުވަތަ އިއްތިފާޤުވެވަޑައިގެންފައި ވަނީ، މިވެނި ގޮތަކަށޭ ބުނުމަކީ، ބައެއް މީހުން ކުރާ ކަމެކެވެ. ހުރިހާ ޢިލްމުވެރިންނޭ އެ ބުނަނީ ކޮން ބައެއްގެ ވާހަކަތޯ އެވެ؟ އެ ބޭކަލުންގެ އަދަދަކީ، ކިހާ ވަރެއްތޯ އެވެ؟ އެއީ، ކޮން ޒަމާނެއްގައި އުޅުއްވި ބޭކަލުންތަކެއްތޯ އެވެ؟ އެ ހުރިހާ ޢިލްމުވެރިން އެހެން ވިދާޅުވެފައިވާ ކަމުގެ ދަލީލަކީ ކޮބައިތޯ އެވެ؟

އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ އަނެއް ބޮޑު ޙަޤީޤަތަކީ، އިސްލާމްދީނުގެ ޙުކުމްތައް ދެނެގަނެވޭނެ މައިގަނޑު ދެ މަޞްދަރަކީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާގެ ސުންނަތް ކަމެވެ. ކީރިތި ޤުރްއާން މާތް ﷲ ސިފަކުރައްވަނީ [ذلك الكتاب] މިފަދައިންނެވެ. [ފޮތަކީ އެއީ އެވެ.] މާނައަކީ، އެއީ އެންމެ ފުރިހަމަ އެންމެ މަތިވެރި ފޮތެވެ. އަދި އެ ފޮތް ބާވައިލެއްވީ، މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ކަމަށާއި، ޙައްޤާއި ބާޠިލް ވަކިކުރަނިވި ސާފުސީދާ ހެކިތަކެއްގެ ގޮތުގައި ކަމަށް، البقرة ސޫރަތުގެ 185 ވަނަ އާޔަތުގެ މާނައިގައިވެ އެވެ.

ކީރިތި ރަސޫލާގެ ސުންނަތަކީ، އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅުތަކާއި ޢަމަލުކުރެއްވި ގޮތްތަކެވެ. الحشر ސޫރަތުގެ ހަތް ވަނަ އާޔަތުގެ މާނައިގައިވެ އެވެ. [އަދި ރަސޫލާ ތިޔަބައި މީހުންނަށް ގެނެސް ދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައި މީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައި މީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައި މީހުން ދުރުވެގަންނާށެވެ!]

އިސްލާމްދީނުގެ ތިންވަނަ މަޞްދަރު ކަމުގައި ޤަބޫލު ކުރަން ޖެހެނީ، އިޖްމާ ޢެވެ. އެހެން ނަމަވެސް، އިޖްމާޢު ޤަބޫލު ކުރުމުގައި ފުރިހަމަވާން ޖެހޭ ޝަރްޠުތަކެއް ވެ އެވެ. އިޖްމާޢަކީ، ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު، މި އުންމަތުގެ ހުރިހާ މުޖްތަހިދުން، އެއްވެސް އިސްތިސްނާއެއް ނެތި، ޝަރްޢީ މައްސަލައެއްގައި އެއް ޙުކުމަކަށް އެއްބަސްވާ އެއްބަސްވުމެވެ. މުޖްތަހިދުންނަކީ، ކީރިތި ޤުރްއާނާއި ސުންނަތުން އަމިއްލައަށް ޙުކުމް ދެނެގަނެވޭ ފެންވަރަށް ޝަރްޢީ ޢިލްމުތަކާއި ޢަރަބި ބަސް ހާސިލުކޮށްފައިވާ އިތުބާރުކުރެވޭ ތެދުވެރި ޢިލްމުވެރިންނެވެ.

އިޖްމާޢުގެ އެންމެ ފުރަތަމަ ޝަރުޠަކީ، ޤުރްއާނުގައި ނުވަތަ ސުންނަތުގައި އައިސްފައިވާ ޙުކުމަކާ ތަޢާރުޒު ނުވުމެވެ. ދެވަނަ ޝަރުޠަކީ، އިޖްމާޢުގެ ކުރިން އެ މައްސަލައެއްގައި މުޖްތަހިދުންގެ މެދުގައި ސާބިތު ޚިލާފެއް އުފެދިފައި ނެތުމެވެ. ތިންވަނަ ޝަރުޠަކީ، އެ ޙުކުމް އޮތީ އެގޮތަށް ކަމަށް، ކޮންމެ މުޖްތަހިދަކު ވެސް ޞަރީޙަކޮށް ވިދާޅުވެފައި އޮތުމެވެ. ހަތަރު ވަނަ ޝަރުޠަކީ، މައްސަލައެއްގެ ޝަރުޢީ ޙުކުމާ މެދު ހުރިހާ މުޖްތަހިދުން އެއްބަސްވެފައިވާކަން އޮޅުމެއް ނެތި ސާބިތުވާން އޮތުމެވެ. މި ޝަރްޠު މިހެން އޮތުމާ އެކު، އެ މައްޗަށް އިސްލާމްދީން ބިނާވެފައިވާ ފަސް ރުކުން ވާޖިބުވުމާއި، ބޮޑެތި ފާފަތަކާއި މުންކަރާތުތައް ޙަރާމްވުން ފަދަ ކަންކަމުގައި މެނުވީ، އެއްވެސް އިޖްމާޢެއް ސާބިތުވެފައި ނެތް ކަމަށް އުޞޫލުލްފިޤްހުގެ ޢިލްމުވެރިން ވިދާޅުވެ އެވެ.

ޙަޤީޤީ މުއުމިނުންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބޭ ނަމަ، ޤަބޫލު ކުރަން ޖެހޭ ބޮޑު އަނެއް ޙަޤީޤަތަކީ، އާޚިރަތް ދުވަހުން ފާފަފުއްސެވުމާއި، އަޒާބު ދެއްވުމާއި، ސުވަރުގެ ވެއްދެވުމާއި، ނަރަކަ އަށް ވެއްދެވުމަކީ، ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މިލްކުވެވޮޑިގެންވާ ކަމެއް ކަމުގައި ވާ ކަމެވެ. މިކަން ވަރަށް ޞަރީޙަކޮށް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައި ވެ އެވެ. البقرة ސޫރަތުގެ 284 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. [އުޑުތަކުގައިވާހާ ތަކެއްޗަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެވޮޑިގެން ވަނީ ﷲ އަށެވެ. ތިޔަބައި މީހުންގެ ނަފްސުތަކުގައިވާ އެއްޗެއް، ތިޔަބައި މީހުން ފާޅުކުޅަޔަސް، ނުވަތަ އެކަން ތިޔަބައި މީހުން ސިއްރު ކުޅަޔަސް، އެކަމާ މެދު، ﷲ، ތިޔަބައި މީހުންގެ ހިސާބު ބައްލަވާނެތެވެ. ދެން، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވާނެތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޢަޛާބު ދެއްވާނެތެވެ. ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ.]

النّساء ސޫރަތުގެ 116 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. [ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެ ނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. ﷲ އަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.]
النّساء ސޫރަތުގެ 31 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. [އެކަލާނގެ އިރާދަކުރައްވާ މީހަކު، އެކަލާނގެ ރަޙްމަތުގެ ތެރެއަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި ޢަޛާބު އެކަލާނގެ ތައްޔާރުކުރައްވާފައިވެ އެވެ.]

فصّلت ސޫރަތުގެ 30 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. [ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. (ވިދާޅުވަމުންނެވެ) ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާ ކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!]
ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގެ މާނައިގައިވެ އެވެ. [ހަމަކަށަވަރުން ﷲ ބައްލަވައި ވޮޑިގެންވަނީ، ތިޔަބައިމީހުންގެ ސޫރައަށާއި، ތިޔަބައިމީހުންގެ ހަށިތަކަށާއި، ތިޔަބައިމީހުންގެ މުދާތަކަކަށް ނޫނެވެ. އެކަލާނގެ ބައްލަވައި ވޮޑިގެންވަނީ، ތިޔަބައިމީހުންގެ ހިތްތަކަށާއި، ޢަމަލުތަކަށެވެ.] މުރާދަކީ، ހެޔޮޖަޒާދެއްވުމުގައި މާތް ﷲ ބައްލަވައި ވޮޑިގެންވާނީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އީމާންކަމަށާއި، އިޚްލާޞްތެރިކަމަށާއި، އެ އީމާންކަމާއި އިޚްލާޞްތެރިކަން ނިޔާކުރާ ގޮތުގެމަތިން އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކަށެވެ.
ފާފަ ފުއްސެވުމާއި، ޢަޛާބު ދެއްވުމަކީ، މާތް ﷲ އިރާދަކުރައްވާ ގޮތެއްގެ މަތިން، ހަމައެކަނި އެކަލާނގެ ކަނޑައަޅުއްވާ ކަމެއް ކަމަށް ވާތީ، އަޅުގަނޑުމެން އިންސާނުން މިވެނި ބަޔަކު ސުވަރުގެއަކަށް ނުވައްދަވާނެއޭ، މިވެނި ބަޔަކަށް ސުވަރުގޭގެ ވަސްވެސް ނުފެންނާނެއޭ ބުނުމަކީ، ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ މަގުފުރެދުމެކެވެ. ކިބުރުވެރިކަމުގެ އިންތިހާއެވެ.

މިކަން އޮތީ މިހެން ކަމުން، އަޅުގަނޑުމެންގެ އަތުގައި ނެތް ބާރެއް އޮތް ކަމަށް ޤަބޫލުކޮށްގެން، ނުވަތަ ނޭނގޭ އެއްޗެއް އެނގޭ ކަމަށް ހަދައިގެން ވާހަކަ ދެއްކުމަކީ، ވަރަށް ހިތާމަހުރި ކަމެކެވެ. ޤިޔާމަތް ދުވަހުން މީސްތަކުންގެ ހިސާބު ބަލާނީ، އަޅުގަނޑުމެންނެއް ނޫނެވެ. މީހުން ސުވަރުގެ ވައްދާނީ، ނުވަތަ ނަރަކައަށް ވައްދާނީ، އަޅުގަނޑުމެންނެއް ނޫނެވެ. މިކަން ކުރުމުގެ ކުޑަ ވެސް ބާރެއް އެއްވެސް އިންސާނަކަށް ލިބިގެނެއް ނުވެ އެވެ. الرّعد ސޫރަތުގެ 40 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. [ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނާ ހަމަޔަށް) ދީނުގެ ރިސާލަތު ގެންދެވުމެވެ. އަދި ހިސާބު ބެއްލެވުން ވަނީ، ތިމަން ރަސްކަލާނގެ އަށެވެ.]

ޙަޤީޤަތުގައި، އެ މީހަކީ ޢިލްމުވެރިޔަކު ކަމަށް ވިޔަސް، ނުވަތަ ނުވިޔަސް، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް އޮތް ކަމަކީ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ވުމެވެ. އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމެވެ. މާތް ﷲ ގެ މަޣްފިރަތާއި ރަޙްމަތަށް އެދި ދުޢާ ކުރުމެވެ. އެހެން މީހުންގެ ހިސާބު ބަލައި، އެމީހުންގެ މައްޗަށް ޙުކުމް ކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ނުވުމެވެ. ހުރިހާ ކަމެއްގައި ވެސް ދީނުގައި އަންގަވާފައިވާ ފާޅުކަންބޮޑު ޙަޤީޤަތްތައް ޤަބޫލު ކުރުމެވެ.