ވުޑްވާޑްގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބެއްގައި
ވުޑްވާޑްގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބެއްގައި

ފާއިތުވި ހަތް ވަރަކަށް އަހަރު ޔުނައިޓެޑަށް އިރުޝާދުދިން އެކި ކޯޗުން ވަޒީފާ އިން ވަކިކުރުމަށް ފަހު އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ އެ ކްލަބްގެ ބޯޑް މެމްބަރުން އަދި ހާއްސަކޮށް އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑާ އެކު މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކަތަކެވެ. ވުޑްވާޑް އެ މަގާމާ ހަވާލުވި ފަހުން މެންޗެސްޓާ ޔުނައިޓެޑުން ކުޅުންތެރިންނަށް ކުރި ހޭދަ 700 މިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އަދިވެސް ކްލަބަށް އެކަށޭނެ ހިސާބަކަށް ދެވިފައިނުވާއިރު، ވުޑްވާޑަށް ވަނީ ތުހުމަތުގެ އިނގިލިތައް އަމާޒުވެފަ އެވެ.

ވުޑްވާޑްގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބެއްގައި
ވުޑްވާޑްގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބެއްގައި

އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާ އަށް ޔުނައިޓެޑް ގަތުމަށް ލަފާދިނީ 2005 ވަނަ އަހަރު ވުޑްވާޑް އެވެ. އޭރު ވުޑްވާޑަކީ އިންވެސްޓްމަންޓް ބޭންކަރެކެވެ. ގްލޭޒާގެ ފަރާތުން ޔުނައިޓެޑަށް އެންމެ ފުރަތަމަ ވުޑްވާޑް ހިދުމަތްކުރަން ފެށީ މާލީ ގޮތުން ލަފާދޭ މީހެއްގެ ގޮތުގަ އެވެ. ފަހުން 2007 ވަނަ އަހަރު ޔުނައިޓެޑްގެ ކޮމާޝަލް އަދި މީޑިއާ ކަންތައްތަކުގެ އެންމެ އިސް ވެރިޔެއްގެ ޒިންމާ ހަވާލުކުރި އެވެ. އޭނާގެ މޭސްތިރި ކަމުގެ ދަށުގައި ޔުނައިޓެޑްގެ އަގު އެތައް ގުނައެއް އުފުލިގެން ދިއުމާ އެކު 2012 ވަނަ އަހަރު ޔުނައިޓެޑްގެ ސީއީއޯގެ މަގާމުގައި ހުރި ޑޭވިޑް ޖިލް ރިޓަޔާކުރުމުން އެ މަގާމަށް ވުޑްވާޑް އައްޔަނުކުރި އެވެެ. އޭގެ ފަހުން ޔުނައިޓެޑްގެ އެ ނުފޫޒު ގަދަ މަގާމުގައި ހުރީ ވުޑްވާޑް އެވެ. އެކަމަކު ކްލަބްގެ މިސްރާބާ މެދު ގިނަ ސަޕޯޓަރުންނާއި ކުޅުންތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވުޑްވާޑްގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބެއްގައި
ވުޑްވާޑްގެ ނުފޫޒާ ހެދި ޔުނައިޓެޑް ގޯސް މިސްރާބެއްގައި

މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ ދާދި ފަހުން ބުނީ އޭނާ ދެން ހަވާލުވާ ކްލަބެއްގައި އެންމެ ބޭނުންވަނީ " ފައިސާ އަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ ވިސްނުމުގައި ކާމިޔާބު ހޯދާ ވެރިން" ހުރުމަށް ކަމަށެވެ. ފުޓްބޯޅަ ތަޖުރިބާކާރުން ބުނާގޮތުގައި މިއީ މޮރީނިއޯ ނުސީދާ ގޮތަކަށް ވުޑްވާޑަށް ފޮނުވާލި ބަހުގެ ހަމަލާއެކެވެ.

ދާދި ފަހުން ޕްރިމިއާ ލީގުގެ ޝޯއެއްގައި މޮރީނިއޯ ފާހަގަކުރި އެއް ކަމަކީ އޭނާ ޔުނައިޓެޑްގެ ކޯޗަކަށް ހުރިއިރު ޑިފެންޑަރެއް ގަންނަަން ބޭނުންވި ވަގުތު އެކަން ނުކޮށްދިނުމެވެ. އަދި ޔުނައިޓެޑުން މި ސީޒަނުގައި މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ އެދުމަށް ޑިފެންޑަރެއް ގަނެދިންއިރު އަގު ވެސް ބޮޑުވެފައިވާ ކަމަށާއި މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ބައެއްގެ ވިސްނުމަށް އައި ބޮޑު ބަދަލެއް ކަމަށާއި މީގެ ފަހަތުގައި ވެސް އެތައް ކަމެއް ފޮރުވިފައިވާނެ ކަމަށެވެ.

"ހެރީ މެގުއާ އަކީ މި ވަގުތު ޔުނައިޓެޑްގައި ހުރި އެންމެ ރަނގަޅު ޑިފެންޑަރު. ވަން ބިސާކާ ވެސް މޮޅު. މިއީ ރަނގަޅު ދެ އިންވެސްޓްމަންޓް. މިއީ އަހަރެން ވެސް އެދި އެދި ހުރި ކަންތައްތައް. އެކަމަކު މިކަން މި ކުރެވުނީ ޔުނައިޓެޑުން އެތައް ފިޔަވަޅެއް ފަހަތަށް އެޅި ފަހުން. މީގެ ކްލަބްގެ ވިސްނުން ހުންނަން ޖެހޭނީ އެންމެންގެ ރަނގަޅަށް އެއީ ކްލަބްގެ ކުރިމަގަށް ރަނގަޅަށް،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ އިތުރުން ކުރިން ޔުނައިޓެޑްގެ ކޯޗަކަށް ހުރި ލުއީ ވެން ހާލް އާއި ޑޭވިޑް މޮއިސް ވެސް ވަނީ ކުޅުންތެރިންގެ ޓްރާންސްފާ ކަންތައްތަކުގައި ވުޑްވާޑްގެ ސަބަބުން ގިނަ ކަންތައްތަކެއް ގޯސްކޮށްދިޔަ ކަމަށް ބުނެފަ އެވެ. އަދި ބައެއް ކުޅުންތެރިންނާ ޔުނައިޓެޑުން މަޝްވަރާކުރާއިރު ކޯޗުގެ ލަފާ ހޯދުމުގައި ވެސް ވުޑްވާޑް އަމަލުކުރަނީ ރަނގަޅަށް ނޫން ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ. އޭނާ އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ކުޅުންތެރިންނަށް ހުށަހަޅާ މުސާރަ ބޮޑުވުމެވެ.

އިނގިރޭސި އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ޔުނައިޓެޑާއި ލިވަޕޫލުން އެންމެ ކުރިއްސުރެ ކްލަބަށް ގަންނާނެ ކުޅުންތެރިން ނިންމަމުން އަންނަނީ ޓްރާންސްފާ ކޮމިޓީއެއްގެ ހުއްދަ ހޯދައިގެންނެވެ. އެކަމަކު ފަހުގެ ފުޓްބޯޅައިގެ ހިންގުމުގެ މޮޑިއުލަށް ބަލާއިރު ޓްރާންސްފާ ކަންތައްތައް ބަލަހައްޓަނީ ޓެކްނިކަލް/ސްޕޯޓިން ޑިރެކްޓަރެވެ. އެ މޮޑިއުލަށް ބަދަލުކޮށް ލިވަޕޫލް މިހާރު ކުރިއަށްދަނީ ސްޕޯޓިން ޑިރެކްޓަރެއް މެދުވެރިކޮށެވެ. އެ ޓީމުގެ ޓްރާންސްފާ ހަރަކާތްތަކާއި ޓީމު އޮތް ހިސާބު ރަނގަޅެވެ. އެކަމަކު އަދިވެސް ޔުނައިޓެޑްގެ ޓްރާންސްފާ ކަންތައްތަކުގެ ޒިންމާއާ ހަވާލުވެ ހުރީ ވުޑްވާޑް އެވެ. ވުޑްވާޑަށް އެ ޒިންމާ ރަނގަޅަށް އަދާނުކުރެވޭކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

މި އަހަރު ކުރީކޮޅުގައި ޔުނައިޓެޑުން ސްޕޯޓިން ޑިރެކްޓަރުގެ މަގާމު އުފައްދާ އެ މަގާމަށް ގެންނަން ގިނަ މަޝްހޫރު ފަރާތްތައް ނޮމިނޭޓް ވެސް ކުރި އެވެ. އެކަމަކު ފަހުން އެ ނިންމުން މަޑުޖެހި މިހާރު ވެސް ކްލަބްގެ ބޮޑެތި ޒިންމާތަކާ ހަވާލުވެ ހުރީ ވުޑްވާޑް އެވެ.

ދާދި ފަހުން ވުޑްވާޑް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ކުރި ޓްރާންސްފާތައް ރަނގަޅު ކަމަށާއި މިހާރު އޮތީ މުސްތަގުބަލަށް ބިނާ ކުރާ ޓީމެއް ކަމަށެވެ. އަދި ސޯލްޝެއާ ކުރާ މަސައްކަތުގައި އެހީތެރިވާނެ ކަމަށާއި ބޭނުންވާ ވަރުގެ ޓްރާންސްފާ ބަޖެޓެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

ޔުނައިޓެޑުން ވަނީ މިދިޔަ މަހު އަޔަކްސްގެ ސީއީއޯ އަދި ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވަން ޑަސާ ޔުނައިޓެޑްގެ ސްޕޯޓިން ޑިރެކްޓަރަކަށް ގެންނަން މަޝްވަރާކޮށްފަ އެވެ. ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވެން ޑަ ސާ އެ ހުށަހެޅުމަށް ފުރަގަސްދޭން ނިންމީ ސްޕޯޓިން ޑިރެކްޓަރުގެ ޒިންމާގެ ފުރިހަމަ ކޮންޓްރޯލް އޭނާ އަށް ނެތުމުންނެވެ. ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ވެން ޑަ ސާ ހުރި ނަމަވެސް އޭނާ އަށް ކަމެއް ނިންމޭނީ ވުޑްވާޑަށް އެނގިގެން ކަމަށް ކޮންޓްރެކްޓްގައި ލިޔަން ނިންމުމުން ވެން ޑަ ސާ ހިތްހަަމަނުޖެހުނީ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެންމެ ފަހުން ޔުނައިޓެޑްގެ ބޯޑާ އެކު ބޭއްވި މަޝްވަރާތަކުގައި ވުޑްވާޑް ވަނީ ސްޕޯޓިން ޑިރެކްޓަރެއް ގެނައުމުގެ މަސައްކަތް މަޑުޖައްސާލަން ހުށަހަޅައިފަ އެވެ. އެއީ މި ވަގުތަށް ބަލާއިރު ޔުނައިޓެޑަށް ބޭނުންވަނީ ސޯލްޝެއާގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށާއި އޭނާ ބޭނުންވަނީ ސްކައުޓުން ތަކެއް މެދުވެރިކޮށް ކުޅުންތެރިން ހޯދުމަށް ފަހު ވުޑްވާޑްގެ ޕްލޭނުގެ ތެރެއިން ކުރިއަށްދާން ކަމަށެވެ.

އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރު އަދި ޓެލެގްރާފްގެ ނޫސްވެރިޔާ ޖިމް ވައިޓް ބުނީ މިހާރު ޔުނައިޓެޑްގެ ބޮޑެތި ނިންމުންތަކުގެ ބާރު އޮތީ ވުޑްވާޑް އަތުގައި ކަމަށާއި ޔުނައިޓެޑް ފަދަ ހައިބަތު ބޮޑު ކްލަބެއްގައި އެކެއްގެ ބާރު އެހާ ގަދަވެއްޖެނަމަ އެއީ ގޯހެއް ކަމަށެވެ. އަދި މިހާރު ކާމިޔާބު ކްލަބްތަކުން ގެންގުޅޭ މޮޑިއުލަށް ޔުނައިޓެޑް ހިންގަން ވުޑްވާޑް އެއްބަސްނުވާ ސަބަބެއް ނޭނގޭ ކަމަށާއި އެކަމާ މެދު އަވަހަށް ގޮތެއް ނުނިމިއްޖެނަމަ ބޮޑެތި ޓީމުތަކުގެ ރޭހުގައި ޔުނައިޓެޑް ފަހަތަށް ވެއްޓޭނެ ކަމަށް ޖިމް ބުންޏެވެ.