29 ސެޕްޓެމްބަރ 2019 - 20:33

ހ. ތިލަފުށީގޭގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ވަގުތީ ހިޔާތަކުގައި ތިބި ގިނަ ބަޔަކު ގޭގެ އަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮޓޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހަތް ގެއެއް އަނދައި 400 އެއްހާ މީހުން ހާލުގައި ޖެހުނެވެ. އޭގެ ތެރެއިން 53 ގެއެއްގެ 326 މީހަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. ޖުމްލަ 786 މީހުންނަށް އެކި އެހީތައް އެ ހާދިސާއާ ގުޅިގެން މިހާތަނަށް ދީފައިވެ އެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން "މިހާރަ"ށް ވިދާޅުވީ އޭގެ ތެރެއިން ހަ ގެއެއްގެ މީހުން އެ ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ ހ. ހޮޅިކޮށިގެ އާއި ހ. ފެހިއާބާދުގެ އިތުރުން ހ. އިމޯޝަން އާއި ހ. ޖީމާ އަދި ހ. ތޮފާގެ އާއި ހ. ރަސްމާދޫގޭ މީހުންނެވެ.
ހިސާން ވިދާޅުވިގޮތުގައި އެ ގެތަކަށް ރެއިން ފެށިގެން މީހުން ބަދަލު ކުރަން ފެށީ އެ ގޭގެއަކީ ދިރިއުޅެން ރައްކާތެރި ތަންތަން ކަމަށް އެސެސްމަންޓްތަކުން ކަށަވަރު ކުރެވިފައިވާތީ އެވެ.
އެންޑީއެމްއޭން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައި މިވަގުތު ތިބީ 34 އާއިލާއެއްގެ 199 މީހުންނެވެ. އެއީ ނުވަ ގެއެއްގައި ދިރިއުޅޭ މީހުންނެވެ. އެ މީހުން ތިބޭނެ ތަނާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭ އިން ވަނީ ހަމަޖައްސައިދީފަ އެވެ.
އަލިފާނުގެ ހާދިސާގައި އެކަކު މަރުވެފައިވާއިރު މާލީ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެކަންކަން ބަލަމުން އަންނާތީ ސީދާ އަދަދެއް އަދި ނޭންގެ އެވެ. އެނދި ގޭގޭ ތަޅައި ސާފު ކުރުމުގެ މަސައްކަތް ސިފައިންނާއި އެކި މުއައްސަސާތަކުން ގުޅިގެން އަންނަނީ ކުރަމުންނެވެ.