30 ސެޕްޓެމްބަރ 2019 - 10:17

މިއުނިކް (ސެޕްޓެމްބަރު 30) - ބާސެލޯނާގެ ގޯލްކީޕަރު ޓާ ސްޓެގެން އަށް ޖަރުމަނު ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރުގެ މަގާމު ދީފިނަމަ ބަޔާން މިއުނިކުން އެ ޓީމުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އާއި ޖަރުމަނުގެ އެހެން ކުޅުންތެރިން ގައުމީ ޓީމަށް ދޫނުކުރާނެ ކަމަށް ބަޔާން މިއުނިކުން ބުނި ބުނުން ޖަރުމަން ފެޑެރޭޝަނުން ކުށްވެރިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފީފާ އިން ހޮވާ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ނޮމިނޭޓްވި ތިން ކީޕަރުންގެ ތެރޭގައި ހިމެނުނު ސްޓެގެން ވަނީ ދާދި ފަހުން އޭނާ އަށް ގައުމީ ޓީމުގައި ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ ވާހަކަތަކާ އެކު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި އެ އުސޫލުން ސްޓެގެން އަށް ވެސް މެޗުތަައް ލިބޭނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ބަޔާންގެ ރައީސް އުލީ ހޮއެނެސް ވިދާޅުވީ މީޑިއާގައި އަޑުފެތުރިފައިވާ ގޮތަށް ޖަރުމަނު ގައުމީ ޓީމުން ނޯޔާގެ ބަދަލުގައި ސްޓެގެން އަށް އެއް ވަނަ ކީޕަރުގެ ގޮތުގައި ފުރުސަތު ދޭން ފަށައިފިނަމަ ބަޔާނުން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރުން ހުއްޓާލާނެ ކަމަށެވެ.
"އެއީ ބަދަލެއް އަންނަން ޖެހޭ ކަމެއް ކަމަށް ނުދެކެން. ނޯޔާ އަށް ފުރުސަތު ގެއްލިއްޖެނަމަ އަހަރެމެން ބަޔާނުގެ ކުޅުންތެރިން ގައުމީ ޓީމަށް ނުފޮނުވާނަން،" ޖަރުމަނުގެ މީޑިއާ އެއް ކަމަށްވާ ބިލްޑަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
ހޮއެނެސްގެ މި ވާހަކަތަކާ ގުޅިގެން ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ލޯ ވަނީ ހޮއެނެސްއާ ބައްދަލުކުރަން އެދިފަ އެވެ. އެކަމަކު އެކަމަށް ހޮއެނޭސްގެ ފަރާތުން އެއްބާރުލުމެއް ނުލިބުނެވެ. ރިޕޯޓްތައް ބުނާގޮތުގައި ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލަކު ވަނީ ނުރަސްމީކޮށް ހޮއެނެސްއާ ވާހަކަ ދައްކައިފަ އެވެ. އަދި އެ ބައްދަލުވުމުގައިވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނުފޮނުވުމަކީ ހެދޭނެ ގޯހެއް ކަމަށާއި އެ ގޮތަށް ކަންތައްތައް ނުކުރަން ހޮއެނެސް އަށް އަންގާފައިވާ ކަމަށެވެ.
އުމުރުން 33 އަހަރުގެ ނޯޔާ ދާދި ފަހުން އަނިޔާގައި ހުރިއިރު ޖަރުމަނު ގައުމީ ޓީމުގެ މެޗުތަކުގައި ގޯލު ބެލެހެއްޓީ ސްޓެގެން އެވެ. އަނިޔާ އަށް ފަހު ނޯޔާ އައިސް ގައުމީ ޓީމުގެ މެޗުތަކުގައި ކުޅެމުން އަންނައިރު، ސްޓެގެން އަށް ފަހަކަށް އައިސް ފުރުސަތު ނުލިބެ އެވެ. އެކަމާ ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އާއި ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.