"ޝިވާއޭ"ގެ ޓްރެއިލާއަށް ވުރެ ފިލްމު މާ ފުރިހަމަވާނެ: ކާޖޮލް
"ޝިވާއޭ"ގެ ޓްރެއިލާއަށް ވުރެ ފިލްމު މާ ފުރިހަމަވާނެ: ކާޖޮލް

ފިލްމީ ބަތަލާ ކާޖޮލް ފިރިމީހާ އަޖޭ ދޭވްގަން ރިލީޒްކުރަން ތައްޔާރުވަމުންދާ "ޝިވާއޭ" ޕްރޮމޯޓްކޮށްދޭން ފަށައިފި އެވެ.

އަޖޭ ކޯ-ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ވެސް ކޮށްފައިވާ "ޝިވާއޭ" ގެ ފުރަތަމަ ޓްރެއިލާ އަށް ބެލުންތެރިން ދިން ތަރުހީބުން ވެސް ފިލްމު ބެލުމުގެ ޝައުގުވެރިކަން ވަރަށް ގިނަ ބަޔެއްގެ އެބަހުރިކަން ހާމަވެފައިވާ ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލް ބުނި ގޮތުގައި ފިލްމުގެ ޓްރެއިލާ އަށް ވުރެ ފިލްމު ހުރިހާ ގޮތަކުން ވެސް ފުރިހަމަވާނެ އެވެ.
ފިލްމުގެ ބަތަލަކީ ވެސް ޚުދް އަޖޭ އެވެ. ބަތަލާއިންނަކީ ސައްޔީޝާ ސައިގަލް އާއި އެރިކާ ކާރް އެވެ. އޮކްޓޯބަރު 28 ވަނަ ދުވަހު މި ފިލްމު ބޮކްސް އޮފީހުގައި ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާ ބޮޑު ކުރިމަތިލުމަކަށް ދަނީ ތައްޔާރުވަމުންނެވެ.

ކާޖޮލް، 42، ވަނީ ހުކުރު ދުވަހު ރިލީޒްކުރާ އަޖޭގެ ފިލްމު ކުންފުނިން ޕްރޮޑިއުސްކުރި "ޕާޗްޑް" އަށް ވެސް ތައުރީފުކޮށްފަ އެވެ.

ފިލްމު އިންޑަސްޓްރީގެ ޚާއްސަ ބަޔަކަށް ދައްކަން ބޭއްވި ޝޯއެއްގައި ފިލްމު ބަލާފައި ނުކުމެ ކާޖޮލް ބުނީ ލީނާ ޔާދަވް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ބެލުމުގެ ކުރިން ފިލްމު އެހާ މޮޅުވާނެކަމަށް އުންމީދު ނުކުރާ ކަމަށެވެ.

"ފިލްމު ބެލުމަށްފަހު އަހަންނަށް ފިލްމުގެ ބަތަލާއިންގެ ނަންތަކެއް ހަނދާނެއް ނެތް. ހަމައެކަނި ހަނދާނުގައި ހުރީ ފިލްމުގައި އެ ބަތަލާއިން ކުޅުނު ކެރެކްޓާގެ ނަންތައް. އަދި މިއީ އެކްޓަރަކަށް ކުރެވޭނެ އެންމެ ރަނގަޅު ތައުރީފުހެން އަހަންނަށް ހީވަނީ،" ކާޖޮލް ބުންޏެވެ.