29 ސެޕްޓެމްބަރ 2019 - 15:57

އިންޑިއާ ސިފައިންގެ އެންމެ މަތީ ވެރިޔާ، އާމީ ޗީފް، ޖެނެރަލް ބިޕިން ރަވާތު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ފަސް ދުވަހުގެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ބިޕިން އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ބައެއް ވަޒީރުންނާއި ސިފައިންގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ލަސްކަރު އޮންނަ އިންޑިއާގެ ސިފައިންގެ އެންމެ މަތީ ވެރިޔާ، ޅ. މާފިލާފުށީގައި ހަދާފައިވާ އެމްއެންޑީއެފް ނޮދާން އޭރިއާ ހެޑްކުއާޓާޒަށް ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ އާމީގެ ޗީފުގެ މަގާމަށް ބިޕިން ވަޑައިގަތީ ޑިސެމްބަރު 31، 2016 ގައި، އޭރުގެ އާމީ ޗީފް ދަލްބިރް ސިންހް ސުހާގު ރިޓަޔާކުރެއްވުމުންނެވެ.