29 ސެޕްޓެމްބަރ 2019 - 14:14

ކޮޅުވެއްޓިއެއްގެ ރޭމްޕުގައި ޖެހިގެން އަނިޔާވި ތިން ބިދޭސީންގެ ތެރެއިން އެކަކު މިއަދު މަރުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންގެ ތެރެއިން ފަރުވާދެނިކޮށް މަރުވީ 47 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި އެމީހާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ.
އަފްއާލް ވިދާޅުވީ އެ ހާދިސާގައި ބޮލަށް އަނިޔާ ލިބުނު އެހެން ބިދޭސީއަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތަށް ބަދަލު ކުރީ، އެ ބިދޭސީ މީހާ ގެނައި މީހުންގެ އެދުމުގެ މަތިން ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އދ. ތުނޑުފުށި އައިލެންޑް ރިސޯޓުގައި އޮތް ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ އެ ތިން ފިރިހެނުންނަށް އަނިޔާވީ ކޮޅުވެއްޓީގެ ރޭމްޕް ހިއްލުމަށް ޗެއިން ބްލޮކް ބޭނުން ކުރި އިރު، އޭގެ އެއް ފަޅި ފެއިލްވެގެން ކަމަށެވެ. އެވަގުތު އެމީހުން ތިބީ ރޭމްޕް މަތީގައި ކަމަށް ފުލުހުން ބުންޏެވެ.
އެއާ އެކު، ތިން މީހުން ވިއްސައިގެން ގޮސް ކޮޅުވެއްޓީގެ ދަގަނޑު ބައިގައި ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.
ރޭ އިރުއޮއްސި 6:45 ހާއިރު ހިނގި މި ހާދިސާ ގައި އެހެން ބިދޭސީއެއްގެ އިނގިލިތައް ޗިސްވި އެވެ.