29 ސެޕްޓެމްބަރ 2019 - 14:04

ރިޔާޒް (ސެޕްޓެމްބަރު 29) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ޕާސަނަލް ބޮޑީގާޑެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށް ސައުދީގެ ކަމާބެހޭ އޮފިޝަލުން މިއަދު ބުނެފި އެވެ.

ބޮޑީގާޑު ޖެނެރަލް އަބްދުލް އަޒީޒް އަލް ފަޣަމްގެ ރަހުމަތްތެރިއެއްގެ ގޭގައި ދިން ބަޑީގެ ހަމަލާގައި އިތުރު ހަތް މީހަކު ޒަޚަމްވި ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. އޭގެ ތެރޭގައި ސެކިއުރިޓީ އޮފިސަރުން ވެސް ހިމެނެ އެވެ.
ސަލްމާން ރަސްގެފާނުގެ އެންމެ އަރިހުގައި އަބަދުވެސް ހުންނަވާ ޖެނެރަލް ފަޣަމް މަރުވީ ޖިއްދާގައި ކަމަށް ފުލުހުން ބުންޏެވެ.
"ޖިއްދާގައި ހުރި ފަޣަމްގެ ރަހުމަތްތެރިއެއްގެ ގެއަށް ޒިޔާރަތް ކުރި ވަގުތު އެ ގެއަށް ވަނީ މަހްމޫދު އަލް އަލީ ކިޔާ މީހެއް ވަދެފައި. ފަޣަމް އާއި އަލީއާ ދެމެދު ވަރަށް ވަރުގަދަ ޒުވާބެއް ހިންގުމަށް ފަހު، އަލީ އެ ގެއިން ނުކުމެގެން ގޮސް، ފަހުން އަލީ ބަޑިއެއް ހިފައިގެން. އަދި ފަޣަމް އަށް ވަނީ ބަޑިން ހަމަލާދީފައި. އެ ހަމަލާގައި ދެ މީހުން ޒަޚަމްވި. އޭގެ ތެރޭގައި އެ ގޭގައި ގެންގުޅޭ ފިލިޕީންސްގެ މަސައްކަތު މީހަކާއި ގޭގެ ވެރިމީހާގެ ބޭބެއަކު ވެސް ހިމެނޭ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަލީ ފަހުން ވަނީ އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް އަލީ އަމާންދޭން ދެކޮޅު ހެދުމުގެ ތެރޭގައި ސެކިއުރިޓީ ފަސް މީހަކު ވެސް ވަނީ ޒަޚަމްވެފަ އެވެ.
ރަސްމީ އަލް އަޚްބާރިއްޔާ ޓީވީން ބުނީ "އެއީ ދެ މީހެއްގެ މެދުގައި ހިނގި ދޭދޭ ކަމެއް" ކަމަށެވެ. އެއްވެސް ތަފްސީލެއް ނުދެ އެވެ.
ފަޣަމް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. ފުލުހުން ބުނީ އެ ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.