29 ސެޕްޓެމްބަރ 2019 - 12:52

ބޫޓާން އަތުން 1-0 އިން މޮޅުވެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ތިން ވަނަ މަގާމް ރާއްޖޭގެ ޔޫތު ގައުމީ ފުޓްބޯޅަ ޓީމު ހޯދައިފި އެވެ.
މިއީ މިހާތަނަށް ބޭއްވި ތިން މުބާރާތުގެ ތެރެއިން ރާއްޖެ އަށް ލިބުނު އެންމެ ރަނގަޅު ކާމިޔާބެވެ. މި ފަހަރު ހަތަރު މެޗު ކުޅުނު އިރު އެއް މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވީ އެވެ. ގްރޫޕް ސްޓޭޖުގައި ނޭޕާލާ 1-1 އިން އެއްވަރުވިއިރު ބޫޓާނާ 0-0 އިން އެއްވަރުވީ އެވެ. އަދި ސެމީ ފައިނަލުން އިންޑިއާ އަތުން 4-0 އިން ބަލިވި އެވެ.
ދެކުނު އޭޝިއާގެ ޔޫތު ލެވެލް މުބާރާތެއްގައި ރާއްޖެ ގަދަ ތިނެއްގައި ފުރަަތަމަ ފަހަރަށް މި ހިމެނުނީ ބޫޓާން 1-0 ބަލިކޮށްގެން ކަމަށްވާއިރު، ރާއްޖެ ސީނިއާ ލެވެލެއްގައި ފުރަތަމަ ފަހަރަށް ދެކުނު އޭޝިއާގެ ގަދަ ތިނެއްގައި ހިމެނުނީ ވެސް މީގެ 35 އަހަރު ކުރިން 1984 ވަނަ އަހަރުގެ ސާފް ގޭމްސްގެ ތިން ވަނަ ހޮވި މެޗުން ބޫޓާން 1-0 އިން ބަލިކޮށްގެންނެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފަހުބައިގައި ދެ ޓީމުން ވަރަށް ނުރައްކާކުރި އެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލް ޖެހީ 75 ވަނަ މިނެޓުގައި އިބްރާހިމް އިމްރާނެވެ. ރާއްޖޭގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އުފެއްދި ކައުންޓާ އެޓޭކެއްގައި އިބްރާހިމް ސާވީ ދިން ޕާހަކަށް އޭރިއާ ތެރެއިން އިމްރާން އަރައި ބޫޓާނުގެ ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ވައްދާލީ އެވެ.
ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު މި މުބާރާތަށް ތައްޔާރުވީ އުމުރުފުރާ ގައުމީ ޓީމަކު މުބާރާތަކަށް ތައްޔާރުވި އެންމެ ރަނގަޅަށެވެ. ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ ދެކޮޅަށް ގިނަ މެޗުތަކެއް ކުޅެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި މުބާރާތަށް ދިއުމުގެ ކުރިން ގަތަރުގައި ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކުރި އެވެ.