ކޮރެއާ ފިލްމު "ބްލައިންޑް" ގެ ހިންދީ ފިލްމަށް ސޯނަމް
ކޮރެއާ ފިލްމު "ބްލައިންޑް" ގެ ހިންދީ ފިލްމަށް ސޯނަމް

މީގެ އަށް އަހަރު ކުރިން ރިލީޒްކުރި ކޮރެއާގެ ކާމިޔާބު ފިލްމު "ބްލައިންޑް" ގެ ހިންދީ ފިލްމެއް ހަދަން ނިންމާފައިވާ ކަމަށާއި އެ ފިލްމުގެ ބަތަލާގެ ރޯލް ސޯނަމް ކަޕޫރަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ބްލައިންޑް" ގެ ރައިޓްސް ހޯދާފައި ވަނީ މި އަހަރު "ބަދުލާ" ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް އެވެ. އަދި އެ ފިލްމު ހިންދީ އޯޑިއަންސަށް ގެނެސްދޭނީ ސުޖޯއި އާއި ވަޔަކޮމް 18 ގުޅިގެން ކަމަށް ވެސް ބުންޏެވެ.

ހަންގާމާ އިން ބުނިގޮތުގައި "ބްލައިންޑް" ގެ ހިންދީ ފިލްމު ޑައިރެކްޓްކުރާނީ ސުޖޯއިއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޝޯމް މަޖީކާ އެވެ. ނަމަވެސް ފިލްމާ ގުޅުން ހުރި ކަންކަން އަދި ވަރަށް ކުރީ މަރުހަލާތަކެއްގައި އޮތުމުން މައުލޫމާތު ހިއްސާކުރާ ހިސާބަށް ނުދާތީ، ފިލްމު ރަސްމީކޮށް އިއުލާންކުރަން އަދި ވަގުތުކޮޅެއް ނަގާނެ ކަމަށްވެ އެވެ.

ދެހާސް އެގާރައިގައި ރިލީޒްކުރު "ބްލައިންޑް" އަކީ އަން ސަންގް ހޫން ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ކިމް ހާ-ނެއުލް އާއި ޔޫ ސިއެންގް-ހޯ އެވެ.

"ބްލައިންޑް" ކިޔައި ދެނީ ގެއްލިފައިވާ ކަމަށް ބެލެވޭ މީހަކު މަސްތުވެގެން އިނދެ ދުއްވި ކާރެއް ޔުނިވަސިޓީއެއްގައި ކިޔަވާ އަންހެން ދަރިވަރެއްގެ ގައިގައި ޖެހި ހިނގާ ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން، އެ ހާދިސާގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ އާދަޔާހިލާފު ކަންތައްތަކެކެވެ.