29 ސެޕްޓެމްބަރ 2019 - 08:44

ލަންޑަން (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ ލިވަޕޫލުން ހަތް މެޗުން ހަތް މޮޅު ހަމަކޮށް އެއް ވަނައިގައި ލީޑު ދެމެހެއްޓިއިރު، ރަށުން ބޭރުގައި އެވަޓަން އަތުން 3-1 އިން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ،
ލިވަޕޫލްގެ ތާރީހުގައި ދެ ވަނަ ފަހަރަށް ލީގު ސީޒަނެއްގެ ފުރަތަމަ ހަތް މެޗުން އެ ޓީމު މޮޅުވިއިރު، އެއް ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސިޓީ އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.
ޝެފީލްޑްގެ ބްރަމަލް ލޭންގައި ކުޅުނު މެޗުގައި ލިވަޕޫލަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ހާފުގައި ސަޑިއޯ މާނޭ އަތުން ރަނުގެ ދެ ފުރުސަތެއް ގެއްލުނެވެ. މާނޭ ފޮނުވާލި އެއް ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ވައިނަލްޑަމް ޖެހި ބޯޅަ ޝެފީލްޑްގެ ކީިޕަރު ޑީން ހެންޑަސަން ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުން ދޫވެގެން ވަނީ ގޯލަށެވެ. އެކަމަކު ލީޑުފުޅާކުރަން ސަލާހު ޖެހި ބޯޅަ ހެންޑަސަން ވަނީ ހުއްޓުވައިފަ އެވެ.
ލީގުގައި ޖެހިޖެހިގެން 16 މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރޭގެ މެޗުގައި ޝެފީލްޑް އަތުން އެ ޓީމަށް ލިބުނީ ނަސީބު މޮޅެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި މިއީ ލިވަޕޫލުން މޮޅުވާން ކުރި މަސައްކަތަށް ބަލާއިރު ހައްގު މޮޅެއް ކަމަށެވެ.
ރޭގެ މެޗަށް ސިޓީން ނުކުތްއިރު ލިވަޕޫލުން އޮތީ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެކަމަކު ސިޓީން ވަނީ މެޗުން މޮޅުވެ ލީޑުކުޑަކޮށްފަ އެވެ. ރޭގެ މެޗުގައި ސިޓީ އަށް ލީޑުނަގައިދިނީ ކެވިން ޑިބްރޭނާ ނެގި ހުރަހަކުން ގަބްރިއެލް ޖީސޫސް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑޮމިނިކް ކަލްވެޓް-ލެވިންގެ ގޯލުން އެވަޓަން އެއްވަރުކުރިއިރު، ދެ ވަނަ ހާފްގައި ސިޓީން ދެ ވަނަ ފަހަރަށް ލީޑުނެގީ ރިޔާދު މާރޭޒް ޖެހި ހިލޭ ޖެހުމުންނެވެ. ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓާ ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ.
މެޗުގެ ބޮޑުބައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ޓޮޓެންހަމުން ވަނީ ރޭ 2-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. މެޗުގެ 24 ވަނަ މިނިޓްގައި ޓަންގުއީ އެންޑޮންބެލޭ ޖެހި ގޯލުން ޓޮޓެންހަމުން ލީޑުނަގާފައިވަނިކޮށް މެޗުގެ 31 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ސާޖް އޯރިއޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. ޓޮޓެންހަމް އެ ކަމުން އަރައިނުގަނެވި އޮއްވައި އެ ޓީމުގެ ގޯލްކީޕަރު ހޫގޯ ލޮރީސް ހެދި ގޯހެއްގެ ފައިދާ ނަގައި ސައުތެމްޓަންގެ ޑެނީ އިންގްސް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފްގައި ޓޮޓެންހަމް މޮޅުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.
ބްރައިޓަން އަތުން 2-0 އިން މޮޅުވެ ޗެލްސީން ވަނީ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅުވެފަ އެވެ. ޗެލްސީގެ ލަނޑުތައް ޖެހީ ޖޯޖީނިއޯ އާއި ވިލިއަން އެވެ.