28 ސެޕްޓެމްބަރ 2019 - 22:46

ކޮޅުވެއްޓިއެއްގެ ދަގަނޑު ބައެއްގައި ޖެހި ތިން ބިދޭސީއަކު މިއަދު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.
ފުލުހުން ބުނީ އދ. ތުނޑުފުށި އައިލެންޑް ރިސޯޓުގައި އޮތް ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ އެ ތިން ފިރިހެނުންނަށް އަނިޔާވީ ކޮޅުވެއްޓީގެ ރޭމްޕް ހިއްލުމަށް ޗެއިން ބްލޮކް ބޭނުން ކުރި އިރު، އޭގެ އެއް ފަޅި ފެއިލްވެގެން ކަމަށެވެ. އެވަގުތު އެމީހުން ތިބީ ރޭމްޕް މަތީގައި ކަމަށް ފުލުހުން ބުންޏެވެ.
އެއާ އެކު، ތިން މީހުން ވިއްސައިގެން ގޮސް ކޮޅުވެއްޓީގެ ދަގަނޑު ބައިގައި ޖެހުނު ކަމަށް ވެ އެވެ.
މިރޭ އިރުއޮއްސި 6:45 ހާއިރު ހިނގި މި ހާދިސާ ގައި އެކެއްގެ އިނގިލިތައް ޗިސްވެ، އަނެއް ދެ މީހުންގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންނަށް އދ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ބޮލަށް އަނިޔާވި ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެ އެވެ.
މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.