28 ސެޕްޓެމްބަރ 2019 - 18:16

ފަންތޮށި ބުޑެއް "ހޫރާލި" ގަޑީގައި ހުސެއިން ފާރިޝް 25، ގެ އަތަށް އެއްޗެއް ވަދެ، އޭނާ އަނބުރައިގަތެވެ. އަތްތިލަ އަށް ހެރުނީ ކޮން އެއްޗެއް ކަމެއް އޭރަކު ނޭނގުނެވެ. އެއީ ކޮން އެއްޗެއް ކަމެއް ބޭރު ފުށުން ފެންނާކަށް ވެސް ނެތެވެ. އެއީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ ތަޖުރިބާ ކުރަން ޖެހުނު ވޭނެކެވެ. އެކަމަކު، އެ ވޭނަށް ފަރުވާ ހޯދީ މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭގައި ކުރި އޮޕަރޭޝަނަކުންނެވެ.

ފާރިޝްގެ ކަނާތަށް އިންޗިއެއް ވަރުގެ އިލޮށިކޮޅެއް ހެރުނީ ހދ. ކުރިނބީގައި އުޅެނިކޮށެވެ. ފަންތޮށި ބުޑެއް އެއްލައިލި ވަގުތު އެއްޗެއް ހެރި ތަދު އިހުސާސް ކުރަން ޖެހުމުން، އޭނާ އެ ދުވަހު އެންމެ ފުރަތަމަ ދިޔައީ ކުރިނބީ ހެލްތު ސެންޓަރަށެވެ. ހެލްތު ސެންޓަރުން ފޮނުވައިލީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ފާރިޝް ކިޔައި ދިން ގޮތުގައި އެ ހޮސްޕިޓަލުން އޭނާ އަށް ވަރަށް ބޮޑަށް އިހުމާލުވި އެވެ.

"ސާޖަރީ ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައި ޖެހިގެން އައި ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔައީ. ދިޔައީމާ، އެކްސްރޭ ނަގާފައި ބުނީ ކަމެއް ނެތޭ. ދެން ޑްރެސިން ރޫމަށް ވައްދާފައި ކުޑަކޮށް ފަޅާލާފައި ހާވާލާފައި ބޭސް އަޅާފައި ފޮނުވާލީ،" ހުޅުމާލޭގައި ދިރިއުޅޭ ފާރިޝް ބުންޏެވެ.
ހޮސްޕިޓަލުން ބޭސް އަޅާފައި ފޮނުވާލިތާ މަހެއް ނުވަނީސް، ފާރިޝްގެ އަތަށް ތަދުވާތީ ކެތްނުކުރެވިގެން ގޮސް، އަލުން ހަމަ އެ ހޮސްޕިޓަލަށް ދެއްކި އެވެ. އެކަމަކު، ދެ ވަނަ ފަހަރަށް ދިއުމުން ވެސް އިންފެކްޝަން ހެދިފައޭ ބުނެ ބޭސް އަޅާފައި ފޮނުވައިލީ ކަމަށް ފާރިޝް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތިން ދުވަސް ތެރޭގައި ފާރުގަނޑު އެއްކޮށް ރަނގަޅުވިޔަސް، އަތުގައި ރިހުން ނުކެނޑެ އެވެ. އެހެންވެ، ނާރުގެ ޑޮކްޓަރަކަށް ދައްކަން ހޮސްޕިޓަލުން ލަފާ ދިން ކަމަށް އޭނާ ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ފާރިޝް ބުނީ ރަށުން އައި ފަހުން، އަތުގެ ހާލަތު މާ ބޮޑަށް ގޯސްވި ކަމަށެވެ. އިލޮށިކޮޅު ހެރުނު ސަރަހައްދު ފުއްޕައި، އެތެރެ އިން ދޮސްލި ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރަކަށް ދެއްކީ އެވެ.
"ހުޅުމާލެ ހޮސްޕިޓަލަށް ދެއްކުމާ ހަމައަށް ވެސް ހެރުނު އެއްޗެއް ފާރިޝަށް ބުނެދޭން ނޭނގެ އެވެ.
"ރިއްސާތީ ޑޮކްޓަރަށް ދެއްކީމަ ބުނީ އެއްޗެއް އިނީމައޭ އެގޮތަށް ވެފައި އިނީ. ވަގުތުން ޑޮކްޓަރު އެންގީ އޮޕަރޭޝަނަކަށް ދާން. އަޅުގަނޑު އެހިން، އެކްސްރޭ ނުނަގާނަންހޭ؟ ޑޮކްޓަރު ބުނީ އެކްސްރޭ އަކުން ދައްކާ ޒާތުގެ އެއްޗަކަށް ނުވެދާނެތީ އޮޕަރޭޝަނަކަށް ދަނީ ކަމަށް،" ފާރިޝް ކިޔައި ދިނެވެ.
މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަންގައި ފާރިޝްގެ އަތުން ނެގީ އޭނާގެ ހަށިގަނޑުގެ ތެރޭގައި އެތައް ދުވަހެއް ވަންދެން އޮތް އިންޗިއެއްހާ ވަރުގެ އިލޮށިކޮޅެކެވެ.
ހުޅުމާލެ ހޮސްޕިޓަލުން އެފަދަ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު ކުރި ކަން އެ ހޮސްޕިޓަލުން ކަށަވަރުކޮށްދެ އެވެ. އެކަމަކު، އެކަމާ ގުޅޭ އިތުރު ވާހަކައެއް އެ ހޮސްޕިޓަލުން ނުދައްކަ އެވެ.
އޮޕަރޭޝަން ކުރި ފަހުން، އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.