އިންޑިއާގެ އާމީ ޗީފް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ އާމީ ޗީފް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ ޗީފް އާމީ ޖެނެރަލް ބިޕިން ރަވާތު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބިޕިން ކުރައްވާ މި ދަތުރުގައި ދިވެހި ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ބައެއް ވަޒީރުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން، އިންޑިއާގެ ޗީފް އާމީ ޖެނެރަލް ބިޕިން ރަވާތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވަން ހަމަޖައްސާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އިންޑިއާގެ އާމީގެ ޗީފަކަށް ޑިސެމްބަރު 31، 2016 ގައި ބިޕިން ހަމަޖެއްސެވީ، ކުރިން އެ މަގާމުގައި ހުންނެވި ޑަލްބިރް ސިންހް ސުހާގު ރިޓަޔާކުރެއްވުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެފައިވާއިރު، އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ދެ ފަހަރަކު ރާއްޖެ ވަޑައިގެންފައި ވެ އެވެ. ފުރަތަމަ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އެއީ ނޮވެމްބަރު 17، 2018 އެވެ.