އެފްއޭއެމްގެ ރައީސްކަމަށް ދިއްދޫ ލަތީ ކުރިމަތިލައްވަނީ
އެފްއޭއެމްގެ ރައީސްކަމަށް ދިއްދޫ ލަތީ ކުރިމަތިލައްވަނީ

އެކްސްކޯ އުވި މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ގައުމީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަދި ދިއްދޫގައި ކުޅިވަރާއި ޒުވާނުންގެ ހަރަކާތްތައް ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުއްލަތީފް މުހައްމަދު (ދިއްދޫ ލަތީ) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސްކަމަށް ދިއްދޫ ލަތީ ކުރިމަތިލައްވަނީ
އެފްއޭއެމްގެ ރައީސްކަމަށް ދިއްދޫ ލަތީ ކުރިމަތިލައްވަނީ

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ މެދު ހިތްހަމަނުޖެހިގެން އެކްސްކޯގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވަން ވަނީ ޖެހިފަ އެވެ.

ލަތީ ވިދާޅުވީ މަގާމް ގެއްލިފައިވާ ޓޮމް ކުރިމަތިނުލައްވާނަމަ އަދި ބާރުގަދަ ނުފޫޒު ހުރި ފަރާތަކުން ނުހުއްޓުވައިފި ނަމަ އޭނާ ވާދަކުރައްވާނެ ކަމަށެވެ. ލަތީ ވިދާޅުވީ ފުޓްބޯޅައިގެ ކަންކަން ރޭވުމާއި ކުރިއެރުވުމުގެ ގާބިލްކަމާއި ހުނަރާއި ހިތްވަރު އޭނާގެ ކިބައިގައި އެބަހުރި ކަމަށާއި ނެތީ އޭނާގެ ހިމާޔަތުގައި، ދިފާއުގައި އޮންނާނެ ކްލަބެއް ކަމަށެވެ.

"އެކަމަކު އަޅުގަނޑު ހޮވިއްޖެއްޔާ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މިހާރު ލިބޭ އާމްދަނީގެ ދެ ގުނަ ހޯދައިދޭނަން. އަދި ރަށްރަށުގެ ކްލަބްތަކަށް އެހީތެރިކަން ފޯރުކޮށްދޭނަން. ބޯޅަ ހޯދަން، ގޯލް ދާގަނޑެއް ހޯދަން ނުވަތަ ފައިސާ ހޯދަން ސަލާން ޖަހާކަށް ނުޖެހޭނެ،" ލަތީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫތު ޓީމުތައް ކުރިއަރުވައި މިހާރަށް ވުރެ ފެންވަރު ރަނގަޅު މުބާރާތްތަކެއް އިންތިޒާމްކޮށް ދިވެހި ފުޓްބޯޅައަށް އާ ބަދަލެއް ގެނެސްދޭނެ ކަމަށެވެ.

ލަތީ އަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީ ވަނީ ކުޅުވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީ ވަނީ ދިއްދޫގައި އެއް ވަނަ އަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތަކާއި ގުރުއާން މުބާރާތެއް ބާއްވައިފަ އެވެ. އަދި އެ ރަށަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ގެންގޮސް ފުޓްބޯޅައިގެ ބޮޑު ހަރަކާތްތެއް އިންތިޒާމްކުރެއްވި އެވެ.

އެފްއޭއެމްގެ އިންތިހާބު ކުރިއަށް ގެންދާނެ ގޮތަކާއި ތާރީހެއް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން މިއަދު އިއުލާންކުރާނެ ކަމަށް ބެލެވެ އެވެ. ލަތީ އަކީ އިންތިހާބަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ފުރަތަމަ ފަރާތެވެ.