28 ސެޕްޓެމްބަރ 2019 - 14:01

ސިޑްސް އެކްސެލެރޭޓެޑް މޮޑެލިޓީސް އޮފް އެކްޝަން (ސެމޯއާ) ޕާތުވޭގައި ހިމެނޭ ކަންކަން ހާސިލްކުރަން މަސައްކަތުގެ ދުވެލި ހަލުވިކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ސެމޯއާ ޕާތުވޭގެ ހައި-ލެވެލް ރިވިއު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އިން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ސެމޯއާ ޕާތުވޭގައި ހިމެނޭ ކަންތައްތައް ހާސިލްކުރެވޭނެ ކަމުގެ އުއްމީދު އާލާވެފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް އަވަސްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލެއް ކަށަވަރުކުރަން 2025 ވަނަ އަހަރުގެ ކުރިން ހާސިލްކުރަން ކަނޑައަޅާފައިވާ އެ ލަނޑުދަނޑިތައް ހާސިލްކުރަން ގައުމުތަކުން މަސައްކަތްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސެމޯއާ ޕާތުވޭ މުއާހަދާގެ އަމާޒަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގު އުޖާލާކޮށް، ދެމެހެއްޓެނިވި ގޮތަކަށް ކުރިމަގު ބައްޓަންކުރުމެވެ. އެކަމަކު ކުދި ޖަޒީރާ ގައުމުތައް އުފެދިފައިވާ ގޮތުން މި މަސައްކަތުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައ ޖޯގްރަފީގޮތުން އެ ގައުމުތަކަށް ލިބިފައިވާ ސިފަތަކާއި ގުދުރަތީ ވެށީގެ ނާޒުކު ކަމާއި ދުނިޔޭގެ އިގުތިސޯދަށް އަންނަ ބަދަލުތަކުގެ އަސަރު ފާހަގަކުރެއްވި އެވެ.
"ސެމޯއާ ޕާތުވޭގައިވާ އަމާޒުތައް ހާސިލްކުރުމަށް ގަދަރުވެރި، ސުލްހަވެރި، ތިޔާގި އަދި ތިމާވެއްޓާ ރަހުމަތްތެރި ދިރިއުޅުމެއް ބިނާ ކުރުމުގެ މަސައްކަތް މިއަދު ފަށަން ޖެހޭ. ސިޑްސްގެ ގައުމުތަކުގެ ތަރައްގީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ބޭނުންވާނެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައި ވެ އެވެ.
ސިޑްސްގެ ގައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރާ ގުޅިގެން ރައީސް ވިދާޅުވީ އެކަމުން ލިބޭ މަންފާތަކަކީ ދުރު ރާސްތާއެއްގައި ހާސިލްވާނެ ކަންތައްތަކެއް ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ، ރައީސް ވިދާޅުވި ގޮތުގައި، ސުލްހަ އާއި ހަމަޖެހުމާއި ތިޔާގިކަމެވެ.
އެމަނިކުފާނު ވަނީ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލީ ފައިދާއަށް ވިސްނުމުގެ ބަދަލުގައި އަނބުރާ އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރަށް އިސްކަންދިނުމަށް މާލީ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.