28 ސެޕްޓެމްބަރ 2019 - 13:27

ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން ބުރާސްފަތިދުވަހު ކުރި ހުކުމް އިސްތިއުނާފް ކުރާނެ ކަަމަށް އެ ރެސްޓޯރެންޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މިއަދު ބުނެފި އެވެ.
ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ނިންމީ ނިއުޕޯޓް ވިއު ހިންގި ބިން އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދިން އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ސީއެސްއާރު މަސައްކަތްތަަކަށް ބޮޑު ހޭދައެއް ކޮށްފައި ވާތީ އެވެ. އެތަނުގައި ފުރަތަމަ ހުޅުވި "ޗާޓައިމް" ބަންދުކުރި އިރު ވެސް ދައުލަތުން ބަދަލު ދީފައި ނުވާ ކަމަށާއި ކޯޓުން އެ ކަންކަމަށް ވެސް ރިއާޔަތްކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
"ރިންގް ރޯޑް ހެދުމަށްޓަކައި [ޗާޓައިމް] ތަޅާލައި އެތަން ހުސްކުރީ ޗާޓައިމް ބްރޭންޑް ރާއްޖެއަށް ގެނެސް އެތަން ހިންގުމަށްޓަކައި މި ކުންފުނިން ކުރި އިންވެސްޓްމެންޓަށް އަދުލުވެރި ބަދަލެއް ދިނުމަކާ ނުލަ އެވެ،" ސްޓްރާޑާގެ ބަޔާނުގައި ވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ޗާޓައިމް ހިންގި ބިން ހުސްކުރީ އާއްމުވެގެންވާ މަންފާއަކަށް ކަމަށް ވިޔަސް އެކަމަށް އަދުލުވެރި ބަދަލެއް ނުދީ ނެގުމަކީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާއާ ހިލާފް ކަމެކެވެ.
ޗާޓައިމް ތަޅާލައި އެ ސަރަހައްދު ހުސްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެތަން ހުސްކުރުމަށް ފަހު ބަދަލުގެ ގޮތުގައި 14.5 މިލިޔަން ރުފިޔާ ދޭން އޭރުގެ ސަރުކާރުން އުޅުނު ނަމަވެސް އޭސީސީން ފަހުން ބުނީ ބަދަލުގެ ގޮތުގައި އެފައިސާ ދޭން ނުޖެހޭނެ ކަމަށެވެ.
ސްޓްރާޑާއަށް ބަދަލުދޭން އުޅުނު މައްސަލަ ތަހުގީގުކޮށް އޭސީސީން އޭރު އެކުލަވައިލި ރިޕޯޓުގައި ބުނެފައި ވަނީ "ޗާޓައިމް އިމާރާތް ނަގަން ޖެހުމާ ގުޅިގެން ސްޓްރާޑާ އަށް އެކަމުގެ ދޭންޖެހޭ ބަދަލު ހޯދަން ޝަރުއީ ކޯޓެއް މެދުވެރިވެގެން ނޫން ގޮތަކަށް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ" ކަމަށެވެ.
ސްޓްރާޑާގެ ބަޔާނުގައި ބުނެފައި ވަނީ އޭސީސީގެ އޭރުގެ ތަހުގީގަށް ފަހު އެއްވެސް މީހަކަށް ދައުވާއެއް ކޮށް، ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އެއީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތުން ކަމަށް ދެކޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް ޗާޓައިމް ހިންގަމުން އައިތަން ހުސްކުރުމުން އެކުންފުންޏަށް ދައުލަތުން ދޭން ޖެހޭ ފައިސާގެ އަދަދު މާ ބޮޑު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި އެ ބަދަލު ލަސްނުކޮށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ސްޓްރާޑާއިން ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ކުރީގެ ސަރުކާރުގައި 2016 ގައި އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ. ޕީޕީއެމްގެ ކައުންސިލް މެންބަރުކަން ކުރެއްވި ޒާހިދު ރަމީޒުގެ ހިއްސާ އޮންނަ ސްޓްރާޑާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފައި ވަނިކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މި އަހަރުގެ ކުރީކޮޅު އެވެ.