ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މަޝްހޫރު ކޮރިއޯގްރާފަރު ބޮސްކޯ މާޓިސް ޑައިރެކްޝަނަށް ނުކުންނަ ފިލްމުގެ ބަތަލަކަށް އަދިތިޔާ ސީލް ހަމަޖައްސައިފި އެވެ.

އޭނާ އަކީ މެއި މަހު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ވެސް ފެނިފައިވާ ތަރިއެކެވެ. އަދިތިޔާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ތުމް ބިން 2"، "ޕުރާނީ ޖީންސް" އަދި "ނަމަސްތޭ އިންގްލެންޑް" ހިމެނެ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "99 ސޯންގްސް" އަދި "އިންދޫ ކީ ޖަވާނީ" ހިމެނެ އެވެ.

ބޮސްކޯގެ އަލަތު ޑައިރެކްޝަނަކީ ޑާންސް-ހޮރޯ-ކޮމެޑީއެކެވެ. މީގެ ޕްރި-ޕްރޮޑަކްޝަންތައް މަސައްކަތްތައް އޮކްޓޯބަރު މަހުގެ ތެރޭގައި ފަށަން ހަމަޖެހިފައިވާ އިރު ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި ނަން އިއުލާންނުކުރާ ފިލްމު ޕްރޮޑިއުސްކުރަނީ ޒީ ސްޓޫޑިއޯސްއިންނެވެ.

ބޮސްކޯ އަކީ ޒީޓީވީން މިހާރު ގެނެސްދޭ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ ޖަޖެއް ވެސް މެ އެވެ.

އަންނަ މަހުގެ 18 ގައި ރިލީޒްކުރާ ސައިފް އަލީ ޚާންގެ "ލާލު ކަޕްތާން" ގެ ހާއްސަ ފެނިލުމަކުން ސޮނާކްޝީ ސިންހާ ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.

އޭނާ ފިލްމުގައި ފެނިގެންދާނެ ގޮތުގެ ފޮޓޯއެއް ވެސް ފިލްމު ކްރިޓިކް ތަރަން އަދާޝް ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ސޮނާކްޝީ ވަނީ ކުރިން ވެސް ސައިފާ އެކީގައި މަސައްކަތްކޮށްފަ އެވެ. އެއީ 2013 ގެ "ބުލެޓް ރާޖާ" އެވެ.

އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށް، ނަވްދީޕް ސިންގް ޑައިރެކްޓްކޮށްފައިވާ "ލާލު ކަޕްތާން" އިން ސައިފާ އެކު ފެނިގެންދާނެ މައިގަނޑު ތަރިންނަކީ ޒޯޔާ ހުސައިން، މާނަވް ވިޖް، ދީޕަކް ދޮބްރިޔާލް އަދި ސިމޯން ސިންގެވެ.

މިދިޔަ އަހަރު ރިލީޒްކުރި "ބަދާއީ ހޯ" އިން ބޮޑު މަޝްހޫރުކަމެއް ލިބުނު އެކްޓަރު ގަޖްރާޖް ރާއޯ ޑައިރެކްޝަނަށް ނުކުންނަން ނިންމައިފި އެވެ.

އުމުރުން 48 އަހަރުގެ އެކްޓަރު ބުނީ އޭނާގެ އަލަތު ޑައިރެކްޝަނަކީ ބްލެކް ކޮމެޑީއެއް ކަމަށާއި އޭގައި ކިޔައިދޭނީ ތިން ޅިޔަނުންގެ ވާހަކަ ކަމަށެވެ. އެ ފިލްމުގެ ސްކްރިޕްޓް އަންނަ މާޗް މަހުގެ ތެރޭގައި ނިންމައިލެވުމުން ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ގަޖްރާޖް މިހާރު އަންނަނީ އޭނާ މުހިއްމު ރޯލްތަކެއް އަންނަ މަހު ރިލީޒްކުރާ ދެ ފިލްމެއް ޕްރޮމޯޓްކުރަމުންނެވެ. އެއީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ "ލޫޓްކޭސް" އާއި އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު "މޭޑް އިން ޗައިނާ" އެވެ.

މިހާރު ގިނަ ހުށަހެޅުންތައް ލިބެމުން އަންނަ އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޝުބް މަންގަލް ޒާދާ ސާވްދާން" ހިމެނެ އެވެ.

މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި ކާމިޔާބު ފިލްމު "ލުކާ ޗުއްޕީ" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން ކާތިކް އާރިޔާން އާއި ކްރިތީ ސެނަން ލީޑް ރޯލް ކުޅުނު ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނީ ފިލްމުގެ ފުރަތަމަ ބައިގައި ކައިވެނިކުރުމުގެ ކުރިން އެކީގައި ދިރިއުޅުނު ޖޯޑެއްގެ ވާހަކަ ގެނެސްދިނުމަށް ފަހު ދެވަނަ ބައިގައި ކިޔައި ދެނީ އެ މީހުންގެ ވަރީގެ މައްސަލަގަނޑެއްގެ ވާހަކަ ކަމަށެވެ.

"ލުއްކާ ޗުއްޕީ" ގެ ދެވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށާއި އެ ނިންމަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ދިނޭޝް ބުންޏެވެ. އެހެންވެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި އެ ރިލީޒްކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މާޗް މަހުގެ 1 ގައި ރިލީޒްކުރި "ލުކާ ޗުއްޕީ" ޑައިރެކްޓްކުރީ ލަކްޝްމަން އުޓޭކަރެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ރޯހަން ޝަންކަރެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި 128.86 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމެކެވެ.